އިނގިރޭސި ޕްރެމިއާ ލީގުގައި ސްވެންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-3 ގެ ނަތީޖާއިން އާސެނަލް ބަލިވެއްޖެއެވެ.
ސްވެންސީ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓުގައި އާސެނަލްގެ ނާޗޯ މޮންރެއާލް ލަނޑެއް ޖަހައި އާސެނަލްއަށް ލީޑު ނެގައިދިން ނަމަވެސް އޭގެ މިނެޓެއް ފަހުން ސްވެންސީގެ ސަމުއެލް ރޭމަންޑް ކްލޫކަސް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސްވެންސީއިން އާސެނަލްގެ ގޯލަށް ނުރައްކާކުރަމުން ގޮސް މެޗުގެ 61 ވަނަ މިނެޓުގައި ޖޯޑަން އަޔޫ ވަނީ ލަނޑެއް ޖަހައި ސްވެންސީއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ. މެޗުގައި ފެނިގެންދިޔަ ސްވެންސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައި ސްވެންސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ކްލޫކަސްއެވެ.
ސްވެންސީއިން އާސެނަލް ބަލިކޮށްފައި މިވަނީ މިދިޔަ ހަފުތާގައި ލީގުގައި ލިވަޕޫލް ވެސް ބަލިކުރުމަށް ފަހުއެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު ސްވެންސީ އޮތީ ލީގު ތާވަލުގެ 17 ވަނައިގައި ކުޅުނު 25 މެޗުން 23 ޕޮއިންޓް ލިބިގެންނެވެ.
އަލުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ އާސެނަލް އޮތީ ލީގު ތާވަލުގެ ހަވަނައިގައި ކުޅުނު 25 މެޗުން 42 ޕޮއިންޓް ލިބިގެންނެވެ. އިނގިރޭސި ކްލަބްތަކުގެ ތެރެއިން ޗެމްޕިއަންސް ލީގުގެ ޖާގަައެއް ލިބެނީ އިނގިރޭސި ލީގުގެ ގަދަ ހަތަރު ޓީމަށެވެ.
މި ހިނގާ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްއަށް ބަދަލުވި ހެންރިކް މިކިތާރިޔަން ވަނީ ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ތެރެއިން ކުޅެން އަރުވައިފައެވެ.