މީހެއްގެ މުދާ ފޭރިގެންފިނަަމަ ޤިޔާމަތް ދުވަހުން މިދުނިޔޭގައި އަނިޔާ ލިބުނު މީހާއަށް ނުވަތަ ގެއްލުންވި މީހާއަށް ބަދަލުދޭންޖެހޭނީ އެތައް ގުނައެއް އިތުރަށެވެ.
ކޯޓަކުން ޙުކުމް ކުރި ނަަމަވެސް މީހެއްގެ ޙައްޤުތައް ފޭރިގެންފިނަމަ، ޚާއްޞަކޮށް ކަނޑައެޅިގެން މިއީ ތިމާއަށް ޙައްޤުވާ އެއްޗެއް ނޫންކަން އެނގިހުރެ ލިބިގެންފި މީހާއަށް ޤިޔާމަތްދުވަހުން އޮތީ ނަރަކައިގެ ހޫނު ގަދަ އަލިފާނެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ކޮޅު ކައިރީގައި ދެ މީހަކު ޒުވާބުކުރަނިކޮށް ނުކުމެ ވަޑައިގެން، މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވުމުން ދެ މީހުންވެސް ޒުވާބުކުރުން ހުއްޓާލާފައި ދިއައީއެވެ. ނަރަކައިގެ އަލިފާނަށް ބިރުންނެވެ.
އެމީހުން ދިއައީ އެމީހުން އެއެއްޗަކާއިމެދު ޒުވާބުކުރަމުން އައި އެތިވެސް ދޫކޮށްލާފައެވެ. އެއީ ދެމީހުންކުރެ އެކެއްގެ އެއްޗަކަށްވެސް ނުވާތީ ނަރަކައިގެ އަލިފާނަށް ބިރުންނެވެ.
މިއީ އާދައިގެ ވާހަކައެއް ނޫނެވެ. ރަނގަޅަށް ވިސްނައި އަމަލުކުރަން ޖެހިފައިވާ ކަމެކެވެ. މިއަދު އެއީ ކަމެއް ކަމަށް ނުދެކެ މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުން ބިރުވެތިވާށެވެ.
ސުވަރުގެ ބޭނުންކަމަށާއި މާތް ﷲ އަށް ބިރުވެތިވާ މީހުން މިފަދަ ކަންކަމަށް ވިސްނާށެވެ. ފޭރިގަންނަ ނުވަތަ ވައްކަންކޮށްގެން ހޯދާ އެއްޗެއް މިދުނިޔޭގައި ބޭނުންކުރެވިދާނެއެވެ. ނަމަވެސް ކިހައި ދުވަހެއް ވަންދެންހެއްޔެވެ؟ ދާދި ކުޑަ ދުވަސްކޮޅަކު ނޫން ހެއްޔެވެ؟ އެއަށްފަހު ކުރިމަތިލާން ޖެހޭނީ ނަރަކައިގެ ހޫނު އަލިފާނާއި ނޫން ހެއްޔެވެ؟
ބައެއް މީހުންނަށް (މުނާފިޤުންނަށް) މާތްﷲގެ ނިންމެވުންތައް ކަމުދަނީ އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރެވޭނަމައެވެ. ހޯދަން އުޅޭ އެއްޗެއް ލިބޭ ނަމައެވެ. މީސްތަކުންގެ މުދާ ފޭރި މާތްﷲ ޙަރާމްކުރެއްވެވި ކަންކަން ކުރާއިރު އެމީހުންނަށް މާތް ﷲ ގެ ޙުކުމްފުޅުތައް ކަމަކު ނުދެއެވެ. އަޅެފަހެ އިންސާނުންނަކީ ކޮންފަދަ ވިސްނުމެއް ގެންގުޅޭ އަމިއްލަ އެދުން ބޮޑުބައެއް ހެއްޔެވެ؟
ގެއްލިގެން ދިއައީ ތިމާގެ ޙައްޤެއްކަން އެނގުނު ނަމަވެސް ކެތްތެރިވާށެވެ. މާތްﷲ އެއަށް ޤިޔާމަތް ދުވަހުން ބަދަލު ދެއްވަވާނީ އެތައް ގުނައެއް އިތުރުކުރެއްވެވުމަކާއިއެކުގައެވެ.
(މިދުނިޔޭގައި އެމީހުންގެ އަމިއްލަ އެދުމަށްޓަކައި އެނގިތިބެ މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެ މީސްތަކުންގެ މުދައު ރޯމާދުވާލު ފޭރުން މިވަނީ ޢާންމުވެފައެވެ. ތަފާތު ގޮތްގޮތުންނެވެ. ހިތާމައަކީ އެފަދަ ކަންކަން ކުރާ މީހުންގެ ހިތްތަކުގައި ކަޅުތިކި ޖަހައި ފުރިފައިވާތީ މިފަދަ ދަރުސްތަކުގެ އަސަރުވެސް ނުކުރާ ކަމެވެ.)
މައުލޫމާތު: ޝައިޚް މުފްތީ މެންކުގެ ޚުޠުބާއަކުން