ރާއްޖެ ވަޑައިގަތުމާއެކު މަހުލޫފް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްއުން މާލެ ވަޑައިގަތުމުގެ ކުރިން ލޯންޗެއްގައި ހުންނަވާ ފޮޓޮއެއް ޓްވީޓްކޮށްފައެވެ.
މަހުލޫފު މިއަދު ރާއްޖެ ވަޑައިގެންނެވިއިރު، މަހުލޫފްގެ މާމަ ބަލިިހާލު ބޮޑުވެގެން އަންނަނީ އޭޑީކޭ އައިސީޔޫގައި ފަރުވާދެމުންނެވެ. އަދި މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަސްލާ އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.
މަހުލޫފް ރާއްޖެއިން ލަންކާއަށް ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއަށްފަހުގައި މަހުލޫފް ވަނީ ރާއްޖެއިން ބޭރުގައި ހިންގާ އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާފައެވެ. އެ ގޮތުން، މަހުލޫފް ވަނީ މެލޭޝިއާއާ ޔޫރަޕްގެ ބައެއް ޤައުމުތަކަށް ވަޑައިގެން އެ ޤައުމުތަކުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ ހާލަތު ހިއްސާކުރައްވާފައެވެ.
މަހުލޫފު މިއަދު ރާއްޖެ ވަޑައިގެންނެވިއިރު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއްކޮށް، އެ މައްސަލައިގެ ތަހުޤީޤު ދަނީ ކުރަމުންނެވެ. މަހުލޫފުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ސިފައިންގެ ވާޖިބަށް ހުރަސް އަޅައި ސިފައިންނާ މަރާމާރީ ހިންގިކަމުގެ ތުހުމަތެވެ. މަހުލޫފްގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް މި ތުހުމަތު ވަނީ ކޮށްފައެވެ.
Hello Maldives