އޮބަމަޔަންގް އާސެނަލްއަށް ބަދަލުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 33ސ
އޮބަމަޔަންގް އާސެނަލްއަށް ބަދަލުވެއްޖެ
ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑްއަށް ކުޅެމުން އަންނަ ގެބޯންގެ ޓޮޕް ފޯވާޑް ޕިއޭ އެމެރިކް އޮބަމަޔަންގް އާސެނަލްއަށް ބަދަލުވެއްޖެއެވެ.

އާސެނަލްގެ ރަސްމީ ވެބްސައިޓްގައިވާ ގޮތުން، ޑޮޓްމަންޑްއުން އާސެނަލްއަށް އޮބަމަޔަންގް ބަދަލުވީ 56 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. މި ޓްރާންސްފާއާއެކު އޮބަމަޔަންގް ވެގެން ގޮސްފައިވަނީ އާސެނަލްގެ ތާރީޚުގައި އެންމެ ބޮޑު އަގެއްގައި ގެނައި ކުޅުންތެރިޔާއަށެވެ.

އުމުރުން 28 އަހަރުގެ އޮބަމަޔަންގް އާސެނަލްއާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގައެވެ. އެހެންވުމާއެކު އޮބަޔަންގްގެ އެއްބަސްވުން ހަމަވެގެންދާނީ 2021 ވަނަ އަހަރާ ހަމައަށެވެ.

އާސެނަލްއިން އޮމަޔަންގް ގެނެސްފައިވަނީ އާސެނަލްއަށް ކުޅެމުންދިޔަ ޗިލީގެ ވިންގާ އަލެކްސިސް ސަންޗޭޒް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން އެ ތަން ފޫބެއްދުމަށްކަމަށް ބެލެވެއެވެ. ސަންޗޭޒްގް ޓްރާންސްފާގައި އާސެނަލްއިން ވަނީ ޔުނައިޓެޑްއަށް ކުޅެމުންދިޔަ މިޑްފިލްޑަރު ހެންރިކް މިކިތާރިޔަން އެ ކްލަބަށް ގެނެސްފައެެވެ.

އިޓަލީގެ އޭސީ މިލާން އެކެޑެމީއިން ތަމްރީން ލިބިފައިވާ އޮބަމަޔަންގް ވަނީ ފްރާންސްގެ މޮނާކޯ، ޑީޖޮން، ލިލޭ، އަދި ސެޓް އެޓިއަންއަށް ވެސް ކުޅެފައެވެ. ޖަރުމަނުގެ ޑޮޓްމަންޑްއަށް އޮބަމަޔަންގް ބަދަލުވީ 2013 ވަނަ އަހަރުގައެވެ. އެއަށްފަހުގައި، އޮބަމަޔަންގް ވަނީ ޑޮޓްމަންޓްއަށް ކުޅެދިން 213 މެޗުގައި 141 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ގެބޯންގެ ޤައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުންނަ އަންނަ އޮބަމަޔަންގްއަކީ ގެބޯންގެ ތާރީޚުގައި ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގެބޯންގެ ޤައުމީ ޓީމަށް މިހާތަނަށް 23 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަދު އޮންލައިން