މިއީ "އިސްލާމިކް ނޮލެޖު ވައިބާ ގްރޫޕް" އަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ބައެއް ސުވާލުތަކާއި އޭގެ ޖަވާބެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވާފައިވަނީ، ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛު އަބްދުލް ލަތީފު އެވެ.
• ސުވާލު: ރުޤްޔާގެ އާޔަތްތައް ދެ ނަމާދު ދޭތެރޭ ވަގުތު މިސްކިތުގައި އިނދެ ކިޔެވުން މިއީ މައްސަލައެއްތޯ؟ އަދި ރުޤްޔާގެ އާޔަތްތައް ކިޔަވަން ވަކި ރަނގަޅު ގަޑިއެއް، ވަކި ތަނެއް އޮވޭތޯ؟
ޖަވާބު: ވަކި ޚާއްސަ ގަޑިއެއް ނެތް. ދެނަމާދު ދޭތެރޭ މިސްކިތުގައި އިނދެގެން ވެސް ކިޔެވިދާނެ.
• ސުވާލު: ރުޤްޔާގެ އާޔަތްތައް ރޭގަނޑު ގޭގައި ކިޔަވާނަމަ ރަނގަޅު ގޮތަކީ ގޭގެ ހުރިހާ ދޮރުތައް ބަންދުކޮށްގެން ކިޔެވުންތޯ؟ އަދި ކިޔަވާއިރު ވުޟޫ ނުކޮށް އިނދެ، އައުރަ ރަނގަޅަށް ނިވާ ނުކޮށް (ސޯޓެއް ލައިގެން) އިނދެ ފެނަށް ކިޔެވޭނެތޯ؟
ޖަވާބު: ރޭގަނޑުވުމުން ކޮންމެހެން ހުޅުވަން ޖެހިއްޖެ ދޮރެއް ނޫނީ ނުހުޅުވާ ލެއްޕުމަށް ރަސޫލާ (ޞޢޥ) އިރުޝާދު ދެއްވާފައިވެއެވެ. ވުޟޫ ނެތި އަދި އައުރަ ނިވާ ނުކޮށް ވެސް ޤުރްއާން ކިޔެވިދާނެއެވެ. ނަމަވެސް ޚާއްސަކޮށް ރުޤްޔާ ކުރާއިރު މޮޅު އިތުރު ގޮތަކީ ވުޟޫ ކޮށްގެން، އައުރަވެސް ނިވާ ކޮށްގެން ހުރެ ކިޔެވުމެވެ.
• ސުވާލު: އެމީހަކަށް ސިހުރު ހެދި މީހާ ހުވަފެނުގައި ފެނި، އެއީ ކާކުކަން ޔަޤީންވެއްޖެނަމަ އޭނާގެ މައްޗަށް ބަދު ދުޢާ ކުރެވިދާނެތޯ؟ އަދި އެސިޙުރު ހަދާ މީހާ ހުއްޓުމެއްނެތި ސިހުރު ހަދަމުން ގެންދާކަން އިނގޭ ހާލަތެއްގައި، ވަކި މީހެއް ހިތައް ނާރުވާ ސިހުރު ހަދާ މީހާގެ މަސައްކަތް ނާކާމިޔާބުކޮށް އޭނާ ބަލިކަށިކޮށް ނިކަމެތި ކޮށްލުމަށް އެދި ދުޢާ ކުރެވިދާނެތޯ؟ އަދި މިގޮތަށް ކުރާ ދުއާ ވާނެތޯ ބަދު ދުއާ އަށް؟ އަދި އެދުޢާ ކުރާ މީހަކު ފާފަވެރި ވާނެތޯ؟
ޖަވާބު: ހުވަފެނަކީ އެއްގޮތަކަށް ވެސް އިތުބާރު ކުރަން ވާނެ އެއްޗެއް ނޫން. ތެދު ހުވަފެނާއި ދޮގު ހުވަފެންވެސް ފެނިދާނެ. ވީމާ ސިހުރު ހެދި މީހާ ހުވަފެނުގައި ފެނުމުން އެއީ ޔަގީނުންވެސް އޭނާ ކަމަށް ޤާބޫލުކޮށް ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން.
• ސުވާލު- ދީނީގޮތުން އެމީހަކު އުގެނޭ ނުވަތަ އަލަށް އިނގޭ ކަންކަން ސޯޝަލް މީޑިއާގައި ނުވަތަ އެކުވެރި ރައްޓެހިންނަށް ކިޔައިދިނުން މިއީ މައްސަލައެއްތޯ؟ ނޫނީ ހަމައެކަނި ދީނީ ޢިލްމުވެރިން މެދުވެރިކޮށްތޯ ދީނީ ކަންކަން އޮޅުންފިލުވާ ދޭން ޖެހޭނީ؟
ޖަވާބު: ކޮންމެ މީހަކުވެސް އެމީހަކަށް އެނގިފައިވާ އެއްޗެއް އަނެކާއަށް ފޯރުކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ. އަދި އެގޮތަށް ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާނެ. ނުހަނު މަތިވެރި ދަރުމަވެސް ދެއްވާނެ އިން-ޝާ ﷲ
• ސުވާލު: މަޣްރިބު ވަގުތުވާން ކައިރިވެފަ ހުއްޓާ (މިސާލަކަށް 15 މިނެޓަށް ވެފައި ހުއްޓާ) މިސްކިތައް ވަދެ އިށީނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެ ރަކުއަތް ކުރުން ރަނގަޅުވާނެތޯ؟ މިހެން މިދެންނެވީ އަސްރު ނަމާދާއި މަޣްރިބް ނަމާދާއި ދެމެދު ސުންނަތް ކުރުން ނޯންނަކަމަށް މައުލޫމާތު ލިބިފައިވާތީ
ޖަވާބު: ޢަސްރު ނަމާދު ފަހުން ވެސް ސަބަބެއް މެދުވެރިވެގެން ކުރާ ސުންނަތް ކުރެވިދާނެ، އެގޮތުން މަސްޖިދު ސުންނަތް ކުރަން ޖެހެނީ މިސްކިތައް ވަދެ އިށީންނަން ބޭނުންވީމަ. ވީމާ މަސްޖިދު ސުންނަތް ކޮށްގެން އިށީންނަވާ.
• ސުވާލު: ސުންނަތް ނަމާދު ކުރާއިރު، މިސާލަކަށް ނަމާދެއްގެ ކުރީ ސުންނަތް ކުރާއިރު، ނަމާދު ފުރިހަމަ ކުރުމަށް ވަގުތު ނުލިބިދާނެކަމުގެ ބިރު ހީވާނަމަ ހަމަ އެކަނި ފާތިޙާ ސޫރަތް ކޮންމެ ރަކުއަތެއްގައި ކިޔަވައިގެން ނަމާދު ފުރިހަމަ ކުރެވިދާނެތޯ؟ ނުވަތަ ރަނގަޅު ގޮތަކީ ފަރުޟު ނަމާދުކޮށް އަވަދިވެގެން ފަހުން ޤަޟާއަށް އެސުންނަތް ނަމާދެއް، ހަމަޖެހިގެން ކޮށްލުންތޯ؟ އަދި ސުންނަތް ނަމާދެއް ކުރުކޮށް ކުރެވޭނެ ވަކި އުސޫލުތަކެއް ދީނުގައި ކަނޑައެޅިފައިވޭތޯ؟
ޖަވާބު: ހަމައެކަނި ސޫރަތުލް ފާތިޙާ ކިޔަވައިގެން ވެސް ފުއްދާ ލެވިދާނެ. ނަމާދު ކޮށްކޮށް ހުއްޓާ ޤަމަތް ދީފިނަމަ ސުންނަތް ދޫކޮށްލާފައި ޖަމާޢަތުގައި ބައިވެރިވާނީ.