ކީރިތި ޤްރްއާން ޤިޔާމަތްދުވަހު ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެއެވެ. އަދި ކޮންމެވެސް އެއްގޮތަކަށް ހެކިދޭނެއެވެ. ހެކިދޭނީ އެމީހަކު ކީރިތި ޤްރްއާން ކިޔަވައި އުޅުނު ގޮތެއްގެ މައްޗަށެވެ.
މިސާލަކަށް ބައެއް މީހުން އަލްޙަމްދު ކިޔާއިރު އެނގޭނީ ފަށާކަމާއި ވަލައްޟާއްލީން ކިޔައި ނިންމާ ކަމެވެ. އެފަދަ މީހުންނަށް އަހަރެން ކިޔަން ބޭނުމީ "ވަލައްޟާއްލީން" އެވެ. އެއީ މުޅި އަލްޙަމްދު ކިޔަވައި ނިންމިއިރު އެނޫން ލަފްޒެއް އޮޅުން ނުފިލާތީއެވެ. ވަލައްޟާއްލީންގެ މާނަ އެނގޭހެއްޔެވެ؟ މާނައަކީ މަގުފުރެދިފައިވާ މީހުންނެވެ.
ބައެއް މީހުން ތަރާވީޙް ނަމާދުކުރާއިރުވެސް ބަލަނީ އެންެމެ އަވަހަށް ކިޔަވާ މީހެއްގެ ފަހަތުގައި ކުރުމަށެވެ. "ނަމަވެސް މާތް ﷲ ގަންދީ ބުނަމެވެ. ޤްރްއާން ކިޔެވުމުގައި ގަޑިއަށް ބަލާމީހުން އެވަނީ މާތް ﷲ އާއި ވަރަށް ދުރުގައެވެ."
ކީރިތި ޤްރްއާން ކިޔަވާއިރު ބަލަންޖެހޭނީ ކިޔަވާ ފެންވަރަށެވެ. ވީހައި ރީތިކޮށް ކިޔެވުމަށެވެ. ވީހައި ރީތި ރާގުތަކަށް ކިޔެވުމަށެވެ. އެހެނީ ޤިޔާމަތް ދުވަހު އެމީހަކަށް ކިޔެވޭނީ ދުނިޔޭގައި އެމީހަކު ކިޔަވައި އުޅުނު ގޮތަކަށެވެ.
މީސްތަކުންނޭވެ. އާޔަތަކަށްވުރެ އާޔަތެއް ރީތިކޮށް ކިޔަވަން މަސައްކަތްކުރާށެވެ. ތިބާއަށް ކިތަންމެ ރީތިކޮށް ކިޔަވަން އެނގުނު ނަމަވެސް އެކަމަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ފައިދާ ކުރާނީ ކިޔަވައި އަމަލުކުރި ގޮތެއްގެ މައްޗަށެވެ.
(މުފްތީ މެންކުގެ ދަރުސަކުން)
ގުޅުންހުރި ވީޑިއޯ: