"ލާއިލާހަ އިއްލަﷲ" ގެ ހަޤީޤީ ބުރަދަން އެނގޭނަމަ ކިޔުން ހުއްޓައެއް ނުލާނެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
"ލާއިލާހަ އިއްލަﷲ" ގެ ހަޤީޤީ ބުރަދަން އެނގޭނަމަ ކިޔުން ހުއްޓައެއް ނުލާނެ-

މޫސާގެފާނަކީ މާތްﷲ ސީދާ ވަޙީ ކުރެއްވެވި ރަސޫލުބޭކަލެކެވެ. މާތްﷲ އާއި ވަރަށް އަރިހުން ވާހަކަފުޅު ދެއްކެވި ރަސޫލުބޭކަލެކެވެ. އަމިއްލަފުޅަށް ބޭނުންފުޅުވާ ކަންކަން ވެސް މާތްﷲގެ ހަޟްރަތުން އެދިވަޑައިގަންނަވަމުން ގެންދެވި ބޭކަލެކެވެ.

އެއްދުވަހަކު މޫސާގެފާނު މާތްﷲގެ ޙަޟްރަތުގައި "އިނބަ ﷲއާއި މިއަޅާ މުޚާޠަބްކޮށް ދަންނަވާނެ ޚާއްޞަ ގޮތެއް ނުވަތަ ޚާއްޞަ ދުޢާއެއް" ވަހީކޮށްދެއްވެވުމަށް އެދިވަޑައިގެންނެވިއެވެ. އެއީ މޫސާގެފާނަށް ޚާއްޞަ އެއްޗަކަށް ވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މޫސާގެފާނުގެ އެދިވަޑައިގަތުމަށް މާތްﷲ ވަޙީ ކުރެއްވެވީ "ލާއިލާހަ އިއްލަﷲ" ވިދާޅުވުމަށެވެ.

މުސާގެފާނު ވިދާޅުވީ އެއީ މިހާރުވެސް ވިދާޅުވާ ކަލިމައެއް ކަމަށާއި އަދި ކުރީގެ ހުރިހާ ރަސޫލުބޭކަލުން ވެސް ވިދާޅުވި ކަލިމައެއް ކަމަށެވެ. އަދި ބޭނުންފުޅުވަނީ މޫސާގެ ފާނަށް ޚާއްޞަ ދުޢާއެއް ކަަމަށެވެ.
ޖަވާބުގައި މާތްﷲ ވިދާޅުވީ 7 ސުވަރުގެއާއި ކައުނުގައިވާހައި އެއްޗެއް ތިލަފަތުގެ އެއްކޮޅަށް ލާފައި "ލާއިލާހަ އިއްލަﷲ" އަނެއް ކޮޅަށް ލީ ނަމަވެސް ބަރުވާނީ "ލާއިލާހަ އިއްލަﷲ" ކަމަށެވެ.

މިހައި މަތިވެރި މިހައި ބުރަދަންހުރި މިހައި ފަސޭހަ ކަލިމައެއް އޮތް ނަމަވެސް އަހަރެމެން އެކަމަށް ސަމާލުކަމެއް ނުދެމުއެވެ. ދޭނަމަ ކިތައް ފަހަރު ކިޔައިލެވިއްޖެހެއްޔެވެ؟

ހަމައެފަދައިން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ. ދުލަށް ފަސޭހަ މީޒާނުގައި ނުހަނު ބުރަދަން ހުރި ދެ ކަލިމައެއް ވެއެއެވެ. އެއީ "ސުބްޙާނަﷲ ވަބިޙަމްދިހީ، ސުބްހާނަﷲލްއަޡީމް" އެވެ.
ލޮބުވެތިންނޭވެ! މިފަދަ ޛިކުރުތައް ކުރަން ވުޟޫކުރާކަށް ނުޖެހެއެވެ. މިސްކިތުގައި ނޫނީ ވަކިތަނެއްގައި ހުންނާކަށް ވެސް ނުޖެހެއެވެ. ވީއިރު ގިނަގިނައިން ކިޔައި ދަރުމަތައް ފުނި ފުންޏަށް ނުހޯދަންވީ ކީއްވެގެންހެއްޔެވެ؟ މިހައި ބަރުދަނުގެ ސަވާބުތައް ލިބެންހުރި އިރުގައިވެސް މެއެވެ.


މިއަދު އޮންލައިން