ޑޯޓްމަންޑަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ބަޓްޝުއާޔީގެ ދެ ލަނޑު

ކިޔުމަށް ހޭދަވާނީ 1މ 30ސ
ޑޯޓްމަންޑަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ބަޓްޝުއާޔީގެ ދެ ލަނޑު


ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލޯން ޓްރާންސްފާ އެއްބަސްވުމެއްގެ ދަށުން ޗެލްސީއިން ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި މިޗީ ބަޓްޝުއާޔީގެ ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހައި ޑޯޓްމަންޑަށް މެޗު ކާމިޔާބުކޮށްދީފިއެވެ.
ޖަރުމަން ލީގުގައި ރޭ އެފްސީ ކޮލޯން އަތުން ޑޯޓްމަންޑްއިން ކުރި ހޯދީ 2-3 ގެ ނަތީޖާއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ފުރަތަމަ ލީޑު ޑޯޓްމަންޑަށް ނައިގައިދިނީ ބަޓްޝުއާޔީއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ބަޓްޝުއާޔީގެ ލަނޑުން ޑޯޓްމަންޑް ލީޑުގައި އޮވެގެންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ކޮލޯންގެ ސިމޮން ޒޮލާ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު، އޭގެ ދެ މިނެޓު ފަހުން ބަޓްޝުއާޔީ އަނެއްކާ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ޑޯޓްމަންޑަށް މެޗުގެ ލީޑު ނަގައިދިނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ޖޯޖް މެރޭ ލަނޑެއް ޖަހައި ދެވަނަ ފަހަރަށް ކޮލޯންއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުން ޑޯޓްމަންޑް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި އަންދްރޭ ޝޫލާއެވެ. ޝޫލާއަށް މި ލަނޑު ޖަހަން އެސިސްޓް ކޮށްދިނީ ބަޓްޝުއާޔީއެވެ.

ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޑޯޓްމަންޑަށް ބަދަލުވި ބަޓްޝުއާޔީގެ ލޯން އެއްބަސްވުން ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ޑޯޓްމަންޑުން ބަޓްޝުއާޔީގެ ގެނެސްފައިވަނީ ޑޯޓްމަންޑަށް ކުޅެމުން ދިޔަ ޓޮޕް ސްޓައިކަރު ޕިއެރޭ އެމެރިކް އޯބަޔަންގް އާސެނަލަށް ބަދަލުވުމާ ގުޅިގެން އޭނާ ނެތްތަން ފޫބެއްދުމަށެވެ.

ރޭގެ މެޗުން މޮޅުވުމާއެކު ޑޯޓްމަންޑް އޮތީ ލީގު ތާވަލުގެ ދެވަނައިގައި 34 ޕޮއިންޓާއެކުއެވެ. 50 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ މިދިޔަ ސީޒަންގައި ވެސް ލީގު ކާމިޔާބުކުރި ބަޔާން މިއުނިޗްއެވެ.



މިއަދު އޮންލައިން