މަރުވާނެކަން އެއީ އެންމެ ޔަޤީންކަންތަކެވެ. މަރުވެ ކައްވަޅަށް ދިއުމަށްފަހު "އަދި އެއް ފަހަރު ދުނިޔެއަށް ފޮނުއްވާނދޭވެ!" ބުނަންޖެހޭ މީހަކަށް ނުވުމުގެ އިޚްތިޔާރު މާތް ﷲ ވަނީ އެންމެހައި މީސްތަކުންނަށް ދެއްވަވައިފައެވެ.
ހަމައެއާއިއެކު މަރުވުމަށްފަހު ގިނަ ބައަކު "އަދި އެއް ފަހަރު ދުނިޔެއަށް ފޮނުއްވެވުމަށް" އެދޭނެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. އެހެންކަމުން އެއީ ވެސް ޔަޤީން ކަމެކެވެ.
މާތް ﷲ އަންގަވާފައިވާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުން ކައްވަޅުގައި ތިބޭނީ އެންމެހައި އަރާމުގައެވެ. އުފަލުގައެވެ. ޤިޔާމަތާއި ހަމައަށް އަރާމު ނިންޖަކުން ނިދާލައިފައެވެ. އެމީހުން ނިދީން ހޭލާނީ ޤިޔާމަތް ދުވަހުގެ ތާޅަފިލީގެ އަޑަށެވެ. ނިދީން ހޭލެވުމާއިއެކު ކުރާނީ އެމީހުން ހޭލައްވައިލި ކަމުގެ ޝަކުވާއެވެ.
"އަދި އެއް ފަހަރު ދުނިޔެއަށް ފޮނުއްވާނދޭވެ!" ބުނަން ޖެހޭނީ މާތްﷲ އެންގެވި ގޮތް ދޫކޮށް އެމީހާ ބޭނުންވާ ގޮތަށް ދުނިޔޭގައި އުޅުނު މީހުންނެވެ. ކައްވަޅުގެ އަޒާބަށް ކެތް ނުކުރެވޭ ހާލުގައި ނިކަމެތިކަމާއިއެކުގައެވެ. ކިތަންމެ ވަރަކަށް އާދޭސް ދެންނެވި ނަމަވެސް ދެވަނަ ފަހަރު ދުނިޔެއަށް އައުމަކީ އެއްވެސް މީހަކަށް ލިބޭނެ ފުރުޞަތެއް ނޫނެވެ.
އެހެންކަމަށްވާއިރު އަދި އެކަން ކަނޑައެޅިގެން އެނގޭއިރު އެ އާދޭސް ދަންނަވަން ނުޖެހޭނެ ގޮތްތަކަށް ދުނިޔޭގައި އުޅުމަކީ ކޮންމެ މީހަކަށްވެސް ކުރެވެން އޮތް ކަމެކެވެ.
އެއް ބައަކު އަލުން ދުނިޔެއަށް އަންނަން ބޭނުންވާނީ މާތް ﷲ އަށް އީމާންވެ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. އަނެއް ބައަކު ބޭނުންވާނީ އެމީހުންގެ މުއްސަނދިކަމުން މާތް ﷲ ގެ މަގުގައި ޞަދަޤާތްކޮށް ހޭދަކޮށް ހުސްކޮސްލުމަށެވެ.
މީސްތަކުންގެ ހައްޤުތަކަށް އަރައިގަތް މީހުންނާއި އަނިޔާވެރިވީ މީހުން ބޭނުންވާނީ މީސްތަކުންގެ ޙައްޤުތަކަށް ބަދަލުދީ މަޢާފަށް އެދުމަށެވެ. އަނިޔާވެރިވެފައިވާ މީހުންގެ ކިބައިން އާދޭސްކޮށް މަޢާފް ހޯދުމަށެވެ.
ބުއްދިވެރިންނަކީ މިފަދަ އެއްވެސް ކަމެއްގައި ތާށިނުވެ މާތް ﷲ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުނު މީހުންނެވެ.