އަނެއްކާ ވެސް ރިއާލަށް ނަތީޖާ ނުނެރެވި ހާސްކަމުގެ ތެރެއަށް
ސްޕެނިޝް ލީގުގައި ރިއާލް މެޑްރިޑް ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗު، 2-2 ގެ ނަތީޖާއިން އެއްވަރުވެ ރިއާލްގެ ހާސްކަން އިތުރުވެއްޖެއެވެ.
ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރިއާލުންނެވެ. މި ލަނޑު ރިއާލަށް ކާމިޔާބުކޮށްދިނީ މެޗުގެ 11 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޮސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޓޭއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެމަނުއެލް ބޯޓެންގެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ނަތީޖާ ރިއާލް ކޮޅަށް އަނބުރާލުމަށް އެ ޓީމު ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މެޗުގެ 81 ވަނަ މިނެޓުގައި އިސްކޯ ލަނޑެއް ޖަހައި މެޗުގެ ލީޑު އަލުން ރިއާލަށް ނަގައިދިނެވެ. ނަމަވެސް މެޗު ނިމެން ދަނިކޮށް ލެވަންޓޭގެ ގިއަމްޕައޮލޯ ޕައްޒިނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަލުން ހަމަހަމަކުރިއެވެ.
މިދިޔަ ސީޒަންގައި އެންމެ ކާމިޔާބު ޓީމު ރިއާލް މެޑްރިޑް މި ސީޒަންގައި ފެންނަނީ ނުރަނގަޅު ފައްތަރެއްގައި އޮވެ ގިނަ މެޗުތަކުން ނަތީޖާ ނުނެރެވިގެން އުޅޭ މަންޒަރެވެ. ލީގު ތާވަލުގައި ރިއާލް އޮތީ ކުޅުނު 21 މެޗުން 39 ޕޮއިންޓް ލިބިގެން ތާވަލުގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއާ ރިއާލާ ދެމެދު ވަނީ 18 ޕޮއިންޓްގެ ފަރަޤެކެވެ. ސްޕެނިޝް ކަޕް މުބާރާތުން ވެސް ކަޓާފައިވާ ރިއާލަށް މި ސީޒަންގައި ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު އޮތް ހަމައެކަނި މުބާރާތަކީ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރިއާލް ބައްދަލުކުރަން ޖެހޭނީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއާއެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ މިރޭ ނުކުންނާނީ އެސްޕަންޔޯލްއާ ދެކޮޅަށެވެ. އަދި ލީގު ތާވަލުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ނުކުންނާނީ ތިންވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށެވެ.