ކޮންމެ ދުވަހަކުމެ ތިމާ ދިރިއުޅޭ ގޭގައި އަދި މިސްކިތުގައިވެސް، ކީރިތި ޤުރްއާން ކިޔެވުމަކީ ނުހަނު ގިނަގުނަ ފައިދާއާއި ދަރުމަ ލިބޭ ކަމެކެވެ.
އެއްޒަމާނެއްގައި، ކޮންމެ ދުވަހަކަށް އިރުއަރާ ވަގުތުގައާއި އިރު އޮއްސޭ ވަގުތު، ހުރިހާ ގެއަކުން ވެސް އިވޭ އެއް އަޑަކީ ކީރިތި ޤުރްއާން ކިޔަވާ އަޑެވެ. މިއީ ކުދިބޮޑު އެންމެންގެ ކިބައިގާވެސް އަށަގެންފައިވި ރީތި އާދައެކެވެ. ނަމަވެސް ހިތާމައަކީ، މިރީތި އާދަ މިހާރު ގިނަ ބައެއްގެ ކިބައިގާ އަށަގެންފައި ނެތުމެވެ.
ކީރިތި ޤުރްއާން ކިޔެވުމަކީ ނުހަނު ބަރަކާތްތެރި މުހިންމު ކަމެކެވެ. އެގޮތުން ކީރިތި ޤުުރްއާން ކިޔެވުމުން ވަގުތުން ވަގުތަށް ލިބޭ ތިން ފައިދާއެއް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
• ކުފްރު ވުމުން ރައްކާތެރި ކޮށްދޭ
މަ'ޢާރިފުލް ޤުރްޢާން ގެ ވޮލިއުމް ނަންބަރު ފަހެއްގެ ޞޮފްހާ ނަންބަރު 220 ގައި ޙަޟްރަތު މުފްތީ މުޙައްމަދު ޝާފީ ސާހިބް ވިދާޅުވެފައިވެއެވެ. "އެގެއްގައި ދިރިރުޅޭ މެންބަރުން އެކުއެކީގައި ކީރިތި ޤުރްއާން ކިޔަވާނަމަ، ޝިރުކު ކުރުމާއި ކުފްރު ވުމުން އެބަޔަކު ސަލާމަތް ވެގެންވެއެވެ."
• ފިޠުނަވެރިކަމުން ރައްކާތެރިކޮށްދޭ
ޙަޟްރަތު އިބްނު އައްބާސް ރިވާ ކުރެއްވެވި އާޔަތުގެ މާނައިގާ ވެއެވެ.
އެކަލޭގެފާނު ޙާދީޘްފުޅު ކުރެއްވެވިއެވެ. "ފިޠުނަވެރިކަން އިންތިހާއަށް އުފެދޭނެ ކަމަށް ތިމަންކަލޭގެފާނު އަރިހު ޖިބްރީލް އަލައިޙިއްސަލާމް ދެންނެވުމުން، އެކަމުން ރައްކާތެރި ވެވޭނީ ކޮން އެއްޗަކުންތޯ ސުވާލު ކުރެއްވެވީމެވެ. އެހިނދު ޖިބްރީލުގެފާނު ވިދާޅުވިއެވެ. 'ފިޠުނައިން ސަލާމަތް ކުރެވޭނީ ﷲ ސުބްޙާނަހޫ ވަޠައާލާ ގެ ފޮތަށެވެ. އެފޮތް ކިޔަވާ ވިދާޅުވާށެވެ. އަދި ގިނަގިނައިން ކިޔަވާ ވިދާޅުވުމަށް ގޮވާލައްވާށެވެ.'"
• ޖިންނާތު އާއި ޖާދުން ރައްކާތެރި ކޮށްދޭ
ހަޟްރަތު އަބްދުﷲ އިބްނު އައްބާސް ރިވާ ކުރެއްވި ޙަދީޘްފުޅެއްގެ މާނައިގާ ވެއެވެ. ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވިއެވެ."މީސްތަކުންގެ ތެރެއިން، ހިތުގައި ކީރިތި ޤުރްއާންގެ މިންވަރެއްވެސް ނުވާ މީހާގެ މިސާލަކީ ހުސް ގެއެއްގެ މިސާލެވެ."
ޝައިޠާނާއަށް ވަރަށް ފަސޭހައިން ހުސް ގެތަކަށް ވަދެވޭނެއެވެ. ޙަޟްރަތު އަބޫ ހުރައިރާ ވިދާޅުވެފައިވެއެވެ.
"އެގެއްގައި ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާނަމަ، އެގެއްގެ މާހައުލު ރަނގަޅު ވެގެންދެއެވެ. އަދި ލިބޭ ނިޢުމަތްތަކާއި ބަރަކާތްތައް ވެސް އިތުރު ވެގެންދެއެވެ. ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާން ފެށުމުން، އުޑުން މަލާއިކަތް ބޭކަލުން އެގެއަކަށް ފައިބާ ވަޑައިގަންނަވައެވެ. އަދި ޖިންނީންނާއި ޝާއިޠާނުން ބިރުން ދުވެ ފިލާނެތެވެ. ނަމަވެސް ކީތިރި ޤުރްއާން ކިޔަވާ ވިދާޅު ނުވާ ގެއެއްގައި، މާޔޫސްކަމާއި ދަތިކަން އިންތިހާއަށް ފެތުރެއެވެ. ބަރަކާތްތައް ލިބުމުން މަޙްރޫމް ވުމުގެ އިތުރުން މަލާއިކަތް ބޭކަލުން ވެސް އެގެއަކަށް ނުވަންނާނެތެވެ. އަދި އެގެއެއްގައި ޖިންނީންނާއި ޝާއިޠާނުން ދިރިއުޅޭނެތެވެ."