ޗެލްސީ ވަޓްފޯޑްގެ އަތްދަށުވެއްޖެ
އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީއާއި ވަޓްފޯޑް ބައްދަލުކުރި މެޗު، 1-4 ގެ ނަތީޖާއިން ތަފާތު ބޮޑުކޮށް ވަޓްފޯޑް މެޗު ކާމިޔާބުކޮށްފިއެވެ.
ވަޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓުގައި ޗެލްސީގެ ޓިއެމޫ ބަކަޔޯކޯއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވަޓްފޯޑުންނެވެ. މި ލަނޑު ވަޓްފޯޑަށް ކާމިޔާބުކޮށްދިނީ މެޗުގެ 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ޓްރޯއީ ޑީނޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ހަމައެކަނި ޑީނޭގެ ލަނޑާއެކުވެ.
މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ 25 މިނެޓު ހިނގައިގެން ދިޔައީ ލަނޑެއް ނުފެނިއެވެ. މެޗުގެ 82 ވަނަ މިނެޓުގައި ޗެލްސީގެ ތަރި އެޑެން ހަޒާޑް ލަނޑެއް ޖަހައި މެޗު ނަތީޖާ ހަމަހަމަކުރިއެވެ. އެެހެން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ޑަރީލް ޔަންމާތު ލަނޑެއް ޖަހައި ވަޓްފޯޑަށް އަލުން މެޗުގެ ލީޑު ނަގައިދިނެވެ. އެއަށްފަހުގައި، ވަޓްފޯޑްއިން ކުރިއަށް ޖެހި އިތުރަށް ޗެލްސީ ޑިފެންސަށް ޕްރެސާކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމުމުގެ ކުރިން ވަޓްފޯޑުން ދެ ލަނޑު ކާމިޔާބުކުރިއެވެ. މި ދެ ލަނޑު ވަޓްފޯޑަށް ކާމިޔާބުކޮށްދިނީ ޖެރޭޑް ޑެއޮލެފޭއުއާއި ރޮބާޓޯ ޕެރޭރާއެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު، ޗެލްސީ ވަނީ ލީގު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެެވެ. ޗެލްސީއަށް ލިބިފައިވަނީ ކުޅުނު 26 މެޗުން 50 ޕޮއިންޓްއެވެ. 51 ޕޮއިންޓާއެކު ތިންވަނައިގައި ލިވަޕޫލް އޮތްއިރު، ދެވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 56 ޕޮއިންޓާއެކުވެ. ލީގު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 69 ޕޮއިންޓާއެކުއެވެ.
ލީގުގައި ޗެލްސީ ދެން ނުކުންނާނީ ވެސްޓް ބްރޯމްއާ ދެކޮޅަށެވެ.