ގިނަ ބައެއްގެ އެންމެ ބޮޑު ސުވާލަކަށްވެފައި އޮންނަނީ ޖިންނީންނާއި އިންސާނުން ދުނިޔެއަށް ފޮނުއްވެވުނީ ހަމައެކަނި މާތް ﷲ އަށް އަޅުކަން ކުރަން ކަމަށް ކީރިތި ޤްރްއާނުގައި އޮތުމުން އެހެންކަމެއް ކުރާނީ ކިހިނަކުން ކަމާއިމެދު އުފެދޭ ސުވާލެވެ.
ގިނަ ބައެއްގެ ހިތުގައި މި ސުވާލު އުފެދޭ ފަދައިން މިއީ އަޅުގަނޑު ކުޑައިރުވެސް ހިތުގައި އުފެދުނު ބޮޑު ސުވާލެކެވެ. އިންސާނުން މާތް ﷲ އުފެއްދެވީ ހަމައެކަނި މާތް ﷲ އަށް އަޅުކަންކުރަން ކަމަށްވާއިރު ދުނިޔަވީ ބޭނުންތައް ފުއްދުމާއި ކުޅިވަރު ކުޅުމާއި މިފަދަ އެއްވެސް ކަމެއް ކުރެވޭނީ ކިހިނަކުން ކަމާއިމެދުގައެވެ.
ޖަވާބު ވަރަށް ސާފެވެ. އަޅުކަން ކުރުމަކީ ކޮންމެ ދުވަހަކު ރޯދަ ހިފުމެއް ނޫނެވެ. އަބަދު މިސްކިތުގައި އިނދެ އަޅުކަން ކުރުމެއް ވެސް ނޫނެވެ. މީސްތަކުން ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން މާތް ﷲ ވަނީ އަންގަވައިފައެވެ. ކުރަންޖެހޭ އަމަލުތަކާއި ނުކުރަންވީ އަމަލުތައް މާތް ﷲ ވަނީ އަންގަވައިފައެވެ. އެންމެ ކުޑަމިނުން ދައްކަންޖެހޭނެ ވާހަކަތަކާއި ނުދައްކަންވީ ވާހަކަތައްވެސް މާތް ﷲ ވަނީ އަންގަވައިފައެވެ.
މާތް ﷲ ގެ މިއެންގެވުންތަކަށް އަމަލުކުރުމަކީ އަޅުކަން ކުރުމެވެ. މާތް ﷲ ހުއްދަ ކުރެއްވެވި ކަންކަން ކުރުމުގައި ހުންނަނަމަ އެހުރެވެނީ އަޅުކަން ކުރުމުގައެވެ. މާތް ﷲ ނަހީ ކުރެއްވެވި ކަންކަން ނުކުރުންމަތީގައި ދެމިހުންނަ ނަމަ އެހުރެވެނީ އަޅުކަންކުރުމުގައެވެ. ނަމަވެސް ރަނގަޅަށް ހަނދާންކުރާށެވެ. ޤަވާއިދުން ފަރުޞު ނަމާދު ކުރުމާއި އެހެންވެސް ފަރުޟުތައް ކުރުންމަތީގައި ދެމިހުރުމާއިއެކުގައެވެ.
މަސައްކަތްކުރަންވީ ވީހައި ގިނައިން ހެޔޮ އަމަލުތައް ކުރުމަށެވެ. މާތް ﷲ ގެ ޙަޟްރަތުގައި ކުރި ހޯދޭނީ އެއިރުންނެވެ. މަސައްކަތްކުރަންވީ މާތް ﷲ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރުމަށެވެ. ޙަޤީޤީ ކާމިޔާބުވެރިންނަކީ އެއީއެވެ.
ގުޅުންހުރި ވީޑިއޯ: