((މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ދަރިކަނބަލުން ސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ އާއި ބެހޭގޮތުން ލިޔެފައި މިވާ އާޓިކަލް އަކީ "ޠާހިރު އަހްލުބައިތުން" މިފޮތުން މައުލޫމާތު ނަގައިގެން ލިޔެފައިވާ އާޓިކަލްއެކެވެ. ނަމަވެސް އެފޮތުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ބަހުން ބަހަށް މިއާޓިކަލްގައި ނަކަލު ކުރެވިފައި ނުވާނެ ވާހަކަ ބުނަމެވެ.))
އެކަމަނާގެ ކައިވެނިފުޅު
ސައްޔިދާ ފާޠިމަތުއްޒަހްރާއު ރަޟިޔަﷲ އަންހާ މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވިއިރު، އެކަމަނާ އިންެނެވީ ދީނީ ގޮތުން ބޮޑުފުޅުވެފައެވެ. މާތްނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ އެހެނިހެން ދަރިދަރިކަނބަލުންގެ ކައިވެނިފުޅު ކުރެވުނު އުމުރުފުޅަށް ބަލާއިރު، ސައްޔިދާ ފާޠިމަތުއްޒަހްރާއު ގެ ކައިވެނިފުޅުވަނީ ތަންކޮޅެއް ލަސް ވެފައެވެ.
މުސްލިމުންނާއިމެދު ހަސަދަވެރިކަމުން ފުރިފައިވާ ބައެއް މީހުން، މިސަބަބާހުރެ ސައްޔިދާ ފާޠިމަތުއްޒަހްރާއު އާމެދު އެބައިމީހުންގެ ސުންޕާ ހިތްތަކުގެ އުދާސްތައް ނެރެފައިވެއެވެ. ހެންރީ ލެމެންސް ފަދަ މީހުން އަޑުފަތުރާފައިވަނީ ސައްޔިދާ ފާޠިމަތުއްޒަހްރާއު އަކީ މާރީތި ބޭފުޅެއް ނޫންކަމަށާއި އެހެންކަމުން މައްކާގެ މުއްސަނދި އަޝްރާފަކު އެކަމަނާގެ ކައިވެނިފުޅަށް އެދިވަޑައި ނުގަތީ ކަމަށެވެ. އެހެންކަމުން ކައުސާހިބާ (ޞޢޥ) އަށް މަޖުބޫރުވެ ވަޑައިގެން، ފަޤީރަކާ (އަލީ ބިން އަބީޠާލިބް ރަޟިޔަﷲ އަންހު އާއި) އެކަމަނާގެ ކައިވެނިފުޅު ކޮށްދެއްވީ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
އެހެންނަމަވެސް ހަގީގަތަކީ މިއެއް ނޫނެވެ. ދީނީ ޢިލްމުވެރީން ލިޔުއްވާފައިވާ ގޮތުގައި ސައްޔިދާ ފާޠިމާއަށް "ޒަހްރާއު" (ވިދުވަރު ނުވަތަ ބެބުޅުން ނުވަތަ އުޖާލާކަމާއި އަލިކަން) މިލަގަބުފުޅު ލިބިވަޑައިގެންނެވީ އެކަމަނާގެ މޫނުފުޅުގެ ރީތިފުޅު ކަމަށްޓަކައެވެ.
ހަގީގަތުގައި އެކަމަނާގެ ކައިވެނިފުޅު ލަސްވީ، އެކަމަނާގެ ދައްތާފުޅުމެންގެ ކައިވެނިފުޅުތަކަށް ވަމުން ދިޔަ ގޮތް ކުރިފުޅުމަތިން ފެންނަމުން ދިޔުމުން ކުރި އަސަރުފުޅަކުންނެވެ.
ނަމަވެސް ސައްޔިދާ ފާޠިމަތުއްޒަހްރާއު މަދީނާއަށް ހިޖްރަ ކުރެއްވުމުން ކައުސާހިބާގެ ސަޙާބީންގެ ތެރޭގައި ކުރިއަށް ތިއްބެވި ބައެއް ބޭކަލުން އެކަމަނާގެ ކައިވެނިފުޅަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުއްވުމަކަށް ރަސޫލާ (ޞޢޥ) އިޖާބައެއް ނުދެއްވައެވެ. ބައެއް ބޭކަލުންގެ އަރިހުގައި "މާތް ﷲ އަމުރު ކުރައްވަވާ ގޮތެކެވެ" މިހެން ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އިމާމް އަލީބިން އަބީޠާލިބު ކައްރަމަﷲ ވަޖްހަހޫ އާއި ސައްޔިދާ ފާޠިމަތުއްޒަހްރާއު އާއި ކައިވެނިފުޅު ކޮށްދެއްވިއެވެ.
އެކަން ހިނގާ ދިޔަ ގޮތާއިމެދު ތިން ރިވާޔަތެއް ވެއެވެ. އޭގެ ތެރެއިން އެއް ރިވާޔަތަކީ:
ޢަލީގެފާނު މިނިވަން ކުރެއްވި އަންހެނެއް އެއްދުވަހަކު އެކަލޭގެފާނު އަރިހު ދެންނެވިއެވެ.
"ފާޠިމަތުގެފާނުގެ ކައިވެނިފުޅަށް އެދި ކައުސާހިބާގެ އަރިހަށް މީހަކު ހުށަނާޅަނީތޯއެވެ؟"
އަލީގެފާނު ވިދާޅުވިއެވެ. "ނުދެނެ ހުރީމެެވެ."
އެކަނބުލޭގެ ވިދާޅުވިއެވެ. "ކަލޭގެފާނު އެކަމަށް އެދިވަޑައި ނުގެންނެވީ ކީއްވެތޯއެވެ؟"
އެހިނދު އަލީގެފާނު ވިދާޅުވިއެވެ. "ކައިވެންޏެއް ކުރާން އަހުރެންގެ އަތުގައި އޮތީ ކޮން އެއްޗެއްތޯ އެވެ؟"
ނަމަވެސް އެކަނބުލޭގެ ބާރު އަޅައިގެން އަލީގެފާނު ކައުސާހިބާގެ އަރިހަށް ފޮނުއްވިއެވެ. ނަމަވެސް ލަދުފުޅުންނާއި ކައުސާހިބާގެ ކީރިތި މޫރިތި ސަބަބުން އެވާހަކަ ފައްޓަވާކަސް ކެރިވަޑައި ނުގެން، އިސްދަށަށް ޖަހައިގެން ހަނު ހިމޭނުން އިންނެވިއެވެ.
ޢަލީގެފާނު އިންނެވި ގޮތް ފެނިވަޑައިގެން ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވިއެވެ. "ޢަލީއެވެ. މިއަދު އެހެން ދުވަސް ދުވަހާއި ޚިލާފަށް އެއްވެސް ބަސްފުޅެއް ނެތި މަޑުމަޑުން ތިޔަ އިންނެވީ ކީއްވެގެންތޯއެވެ؟ އަނެއްކާ ފާޠިމާގެ ކައިވެންޏަށް އެދިވަޑައިގަންނަވަން ވަޑައިގަތީތޯއެވެ؟"
ޢަލީ ރަޟިޔަﷲ ވިދާޅުވިއެވެ. "ޝައްކެއް ވެސް ނެތެވެ."
އިތުރު ސާހިބާ (ޞޢޥ) ސުވާލު ކުރެއްވިއެވެ. "ކަލޭގެފާނުގެ އަތްޕުޅުގައި ކީރަނަށް ދެއްވާނެ އެއްވެސް އެއްޗެއް އެބަހުރިތޯއެވެ؟" ޖަވާބުގައި ނޫނެކޭ އަލީގެފާނު ދެންނެވުމުން އިތުރު ސާހިބާ ޙަދީޘްފުޅު ކުރެއްވެވިއެވެ.
"ތިމަންކަލޭގެފާނު ކަލޭގެފާނަށް ދަހަނާއެއް ދެއްވެވީމު ނޫންތޯއެވެ. އެދަހަނާ ވިއްކައިގެން އޭގެ އަގު ރަނަކަށް ދެއްވާށެވެ." އަލީގެފާނު އެކަން ޤަބޫލު ކުރެއްވެވިއެވެ.