ޑިމަރިއާގެ ހެޓްރިކާއެކު ޕީއެސްޖީ ފްރެންޗް ކަޕް ކުއާޓާއަށް

ކިޔުމަށް ހޭދަވާނީ 1މ 12ސ
ޑިމަރިއާގެ ހެޓްރިކާއެކު ޕީއެސްޖީ ފްރެންޗް ކަޕް ކުއާޓާއަށް


އެންހަލް ޑިމަރިއާގެ ހެޓްރިކަކާއެކު 1-4 ގެ ނަތީޖާއިން، ސައުޗޮޒްގެ މައްޗަށް ކުރިހޯދައި، ފްރެންޗް ކަޕް ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.

މި މެޗު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ޑިމަރިއާ ލަނޑެއް ޖަހައި ޕީއެސްޖީއަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ސައުޗޮޒްގެ ފްލޯރިއަން މާޓިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި އެޑިސަން ކަވާނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް އަލުން މެޗުގެ ލީޑު ހޯދައިދިނެވެ. ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޕީއެސްޖީގެ ފަރާތުން އެޓޭކިން ފުޓުބޯޅައެއް ފެނިގެން ގޮސްފައިވެއެވެ. ނަތީޖާއިން މެޗު ނިމުމުގެ ކުރިން ޑިމަރިއާ ދެ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ. މެޗުގެ ފަހު މިނެޓުގައި ޕީއެސްޖީގެ ގޯލްކީޕަރު ކެވިން ޓްރެޕަށް މެޗުގެ ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ގޯލްކީޕަރަށް ރަތް ކާޑު ދައްކާފައިވަނީ މެޗުގައި ޕީއެސްޖީއިން ތިން ބަދަލު ގެނެސްފައި ވަނިކޮށެވެ. އެހެންވުމުން، މެޗު ނިމެން ދެން އިން ވަގުތުކޮޅު ތެރޭގައި ޕީއެސްޖީގެ ގޯލް ބެލެހެއްޓީ ކަނާތު ބެކަށް ކުޅޭ ޑަނި އަލްވެސް އެވެ.

މި ސީޒަންގެ ފްރެންޗް ކަޕް މުބާރާތުގެ ކުއާޓާ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފައިވާއިރު، މިދިޔަ ތިން ސީޒަންގައި ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއިންނެވެ.
މިއަދު އޮންލައިން