"މުސްލިމު އަންހެން ކުއްޖެއްގެ ހައިސިއްޔަތުން، މިއީ (ހިޖާބު އެޅުމަކީ) އަހަރެންގެ ޙަޔާތުގައި އަޅަން ޖެހޭނެ ފިޔަވަޅެއްކަން އަހަންނަށް އަބަދުވެސް އެނގުނެވެ.
ހިޖާބް (ބުރުގާ) އެޅި ފުރަތަމަ ދުވަސްކޮޅު އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. އެއީ އަހަރެންގެ ދިރިއުޅުން ދެން ވަރަށް ބޮޑަށް ބަދަލުވާނެކަން އަހަންނަށް އެނގޭތީއެވެ. ނަމަވެސް ހިޖާބު އެޅުމަކީ ހެޔޮ ޢަމަލެއްކަން އަހަރެން ޤަބޫލު ކުރީމެވެ.
އެހެންކަމުން، 2004 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު، އަހަރެންގެ ޙަޔާތުގެ އެދަތުރު ފެށުނެވެ. ހިޖާބް އަޅައިގެންނެވެ.
ހިޖާބް އަޅާ ކޮންމެ އަންހެނަކަށް ވެސް ކުރިމަތިލާން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމީހުންގެ އާއިލާއިން އެމީހުން ހިޖާބް އަޅަން ބޭނުން ނުވުމެވެ. އަނެއްބަޔަކަށް ދިމާވާ ކަމަކީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ނެތުމެވެ. ހިޖާބު އެޅުމުން ވަކި ކަންތައްތަކަކަކުން މަޙްރޫމްވާ ކަމަށް ހީވުމެވެ.
އެގޮތުން އަހަންނަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖަކީ، ވަރަށް ގިނަ އެހެން މީހުންނަށް ވެސް ކުރިމަތިވި ކަމެކެވެ. އެއީ އެހެންމީހުން އަހަރެން ބަލައި ނުގަންނާނެހެން ހީވުމުގެ ޗެލެންޖެވެ.
މަތީ ތައުލީމު ހާސިލު ކުރަން އަހަރެން ދިޔަ ސްކޫލުގައި މުސްލިމު އަންހެން ކުއްޖަކަށް އުޅުނީ އަހަރެން އެކަންޏެވެ. ފުރާވަރު އުމުރުގައި، ތިމާއާއި ގުޅޭ މިޒާޖެއްގެ ރައްޓެއްސަކު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ގިނަ ފަހަރަށް ޖެހެނީ، އެމީހުންގެ މިޒާޖާއި އަމިއްލައަށް ގުޅޭށެވެ.
އެހެންވެ އަހަރެންވެސް އެމީހުން ފަދައިން ވެވޭތޯ މަސައްކަތް ކުރީމެވެ. ޒަމާނީ ގޮތްގޮތަށް އަހަރެން ވެސް އުޅުނީމެވެ. ހިޖާބް އަޅާފައި ހުރި ކަމުގައި ވިޔަސް، "ރީތިކޮށް" ހުރުމަށްޓަކައި އަހަރެން މޭކަޕް ވެސް ކުރީމެވެ. ކޮންމެ ދުވަހަކުވެސް، ބޭރަށް ނިކުންނަން ތައްޔާރުވުމަށްޓަކައި ވަރަށް ގިނަ ވަގުތު ލޯގަނޑު ކުރިމަތީގައި ހޭދަ ކުރީމެވެ.
އަހަރެން ބޭނުންވީ ހިޖާބް އަޅާފައި ހުއްޓަސް، މޭކަޕް ކޮށްފައި ހުރުމުން އެމީހުން އަހަރެން ބަލައިގަތުމަށެވެ.
ނަމަވެސް އެހުރިހާ ބުރަ މަސައްކަތަކަށް ފަހުވެސް އަހަރެން ހުންނަނީ މާޔޫސްވެ ނުތަނަވަސް ވެފައެވެ. އަހަންނަށް އިހުސާސްވީ، އެހެން މީހަކަށް ވާން އަހަރެން މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ. އެފަދަައިން އަހަރެން އުޅެންވީ ކީއްވެބާއޭ އަހަރެން ހިތައް އެރިއެވެ.
ރަނގަޅަށް ވިސްނާލުމުން އަހަންނަށް އެނގުނީ، މާޔޫސްވެފައި ހުންނަން އަހަންނަށް ޖެހުނީ، ހިިޖާބު އެޅުމުގެ މަތިވެރިކަން އަހަންނަށް ފުރިހަމައަށް ނުވިސްނުމުން ކަމެވެ.
އަހަރެން ކުރިން ހީކުރީ، ހިޖާބް އަޅަނީ، ހަމައެކަނި ފިރިހެނުންގެ ނުބައި ނަޒަރުން ސަލާމަތްވުމަށް ކަމަށެވެ. ނަމަވެސް، ހިޖާބަކީ ހަމައެކަނި އަހަރެންގެ ބޮލުގައި އޮޅާލާ ފޮތިކޮޅެއް ނޫންކަމާއި، އެއީ މާތް ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވެ، އެކަލާނގެއަށް އީމާންވުމުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަން އަހަންނަށް ވިސްނުނީ ތަންކޮޅެއް ފަހުންނެވެ.
މީގެއިތުރުން، ހިޖާބް އެޅުމާއި ބެހޭގޮތުން ކީރިތި ޤުރްއާންގައި ބަޔާންކޮށްފައިވާ އާޔަތްތައް ކިޔެވުމަށްފަހު، އަހަރެން ހައިރާންވިއެވެ. ހިޖާބް އެޅުމަކީ އަންހެނާގެ ރީތިކަން ފުރިހަމައަށް ހާމަކޮށްދޭ ކަމެއްކަން އަހަންނަށް ވިސްނުނީ ކީރިތި ޤުރްއާނުންނެވެ.
ހިޖާބް އެޅުމުގެ މާނައަކީ އަހަންނަކީ މުސްލިމެއް ކަމާއި، ހިޖާބް އެޅުމުން ދައްކުވައިދެނީ އަހަންނަކީ އިސްލާމްދީނަށް ތަބާވާ މީހެއްކަން އަހަންނަށް ވިސްނުނެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތް ކަމާއި އަހަރެން ބަލަންވީ ބައެއްގެ ހިތް ރުއްސޭތޯ ނޫން ކަމާއި އަހަރެން ބަލަންވީ އެކަލާނގެ ރުއްސުން އަހަރެންގެ މައްޗަށް ލައްވާތޯކަން ވެސް އަހަންނަށް ވިސްނުނެވެ.
ހަމަކަށަވަރުންވެސް އިސްލާމްދީނަށް ފުރިހަމައަށް ތަބާވެގެން އުޅުމުން އެކަކަށް ވެސް ލިބޭނެ ދެރައެއް ނެތެވެ. ލިބުން ޔަގީނީ ސަވާބާއި ދަރުމައެވެ. ދެދުނިޔެއާއި އާޚިރަތުގައި ވެސް ހެޔޮކަމެވެ.
މިއަދު އަހަންނަކީ، ފަޚުރުވެރިކަމާއިއެކު ހިޖާބް އަޅާ މުސްލިމު އަންހެނަކީމެވެ.