ބެންގަލޫރު ޓީމު ރާއްޖެ އައުން މަޑުޖައްސާލުމަށް އިންޑިއާ ސަރުކާރުން އަންގައިފި
އަންނަ އަންގާރަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލުކޮށްފައިވާ އޭއެފްސީ ޕްލޭއޮފް ބުރުގައި ރާއްޖޭ ޓީސީ ސްޕޯޓްސް ކްލަބާ ބައްދަލުކުރާ މެޗަށް، އިންޑިއާގެ ބެންގަލޫރު އެފްސީއިން މިއަދު ރާއްޖެއަށް އަންނަން އޮތް އޮތުން މަޑުޖައްސާލުމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން އެ ޓީމަށް އަންގައިފިއެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން އިންޑިއާއިން ނެރެފަައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ ގޮތަށް ބެންގަލޫރު ޓީމުން ޢަމަލުކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އެ ޓީމަށް ސިޓީއަކުން އަންގާފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އިންޑިއާއިން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖޭގެ މަސްރަހު ގޯސްވެފައިވާތީއާއި އެކަމާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، ވަކި ގޮތަކަށް ސަރުކާރުން ނިންމަންދެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ރާއްޖެއަށް ކުރާ ދަތުރުތައް މަޑުޖައްސާލުމަށެވެ.
އިންޑިއާ ސަރުކާރުން ވަނީ އިންޑިއާ ފުޓުބޯޅައިގެ މައި އިދާރާ، އޯލް އިންޑިއަން ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އަށް ވެސް ސިޓީއެއް މެދުވެރިކޮށް ބެންގަލޫރު ޓީމުގެ ދަތުރު މަޑުޖައްސާލުމަށް އަންގާފައިވާކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
އޭއެފްސީއިން އިއްޔެ އަންގާފައިވަނީ މެޗު ތާވަލުކޮށްފައިވާ ތާރީޚަށް މާލޭގައި މެޗު ކުޅޭނެކަމަށެވެ. މާލޭގައި މެޗު ކުރިއަށް ގެންދިއުމުގެ މާހައުލު ޤާއިމްވެފައިވާ ކަމާއި މެޗު ކުރިއަށް ގެންދިއުމަށް ސަލާމަތީ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިފައިވާކަމުގެ ޔަޤީންކަން އެމްއެންޑީއެފުން އެ އިދާރާއަށް ދީފައިވާކަމަށް ވެސް އޭއެފްސީއިން ހާމަކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުންނާއި އޭއައިއެފްއެފްއުން ވަނީ މެޗު ކުޅޭ ތާރީޚު ފަސްކުރުމަށް އެދި އޭއެފްސީއަށް ހުށަަހަޅައިފައެވެ. އެެހެން ނަމަވެސް، މެޗު ފަސްކުރަން ނިންމާފައިވާކަމަށް އޭއެފްސީއިން އަދި ހާމައެއް ނުކުރެެއެވެ. މިކަމާ ގުޅިގެން ބެންގަލޫރު އެފްސީ ޓީމުން ވެސް ބުނެފައިވަނީ އެ ޓީމު މިހާރު މަޑުކޮށްގެން ތިބީ އޭއެފްސީގެ ޖަވާބަކަށެވެ.
މި ޚަބަރު ފެތުރުމާއެކު، ރާއްޖޭގެ ސިޔާސީ އިދިކޮޅު ބައެއް ފަރާތްތަކުން އަންނަނީ މާލޭގައި މެޗު ކުރިއަށް ގެންދިއުމާމެދު އޭއެފްސީއިން އަދި ވިސްނުމަށް ގޮވާލައި އަޑު އުފުލަމުންނެެވެ.
މި މެޗު ކުރިއަށް ގެންދަން އޭއެފްސީއިން ނިންމައި އެ މެޗަށް ބެންގަލޫރު އެފްސީ ޓީމުން ހާޒިރުނުވެއްޖެނަމަ، 0-3 ގެ ނަތީޖާއިން، ޓީސީ މެޗުން މޮޅުވީކަމަށް ނިންމާނެއެވެ. އެންމެންހެން ވެސް މި ވަގުތު މަޑުކޮށްގެން މި ތިބީ އޭއެފްސީގެ ޖަވާބަކަށެވެ.