އިނގިރޭސި ޕްރެމިއާ ލީގުގައި ސާޖިއޯ އަގުއޭރޯގެ ހަތަރު ލަނޑާއެކު، 1-5 ގެ ނަތީޖާއިން ލެސްޓާ ސިޓީ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީގެ ލީޑު ފުޅާކޮށްފިއެވެ.
މެންޗެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 3 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ ލަނޑުން ސިޓީއިން މެޗުގެ ލީޑު ނެގި ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ލެސްޓާ ސިޓީގެ ޖޭމީ ވާޑީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ތިން މިނެޓު ނުވަނީސް އަގުއޭރޯ ލަނޑެއް ޖަހައި ސިޓީއަށް އަލުން މެޗުގެ ލީޑު ނަގައިދިނެވެ. އަގުއޭރޯގެ ދެވަނަ ލަނޑުން ސިޓީއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ މެޗުގެ 53 ވަނަ މިނެޓުގައެވެ. އަގުއޭރޯގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މެޗުގައި ފެނިގެންދިޔަ އަގުއޭރޯގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 90 ވަނަ މިނެޓުގައެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު، މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 27 މެޗުން 72 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ ދެވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ ސިޓީއަށްވުރެ 16 ޕޮއިންޓް ފަހަތުގައި، ކުޅުނު 26 މެޗުން 56 ޕޮއިންޓް ލިބިގެންނެވެ.
ލީގުގައި ޔުނައިޓެޑް ކުޅޭ 27 ވަނަ މެޗުގައި މިރޭ އެ ޓީމު ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. މި މެޗު މިރޭ ފަށާނީ ރާއްޖެ ގަޑިން 19:15 ގައެވެ.