އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު ޢަލީ ހަމީދު އާއި ޑޖޭީއޭގެ އެޑްމިނިސްޓްރޭޓަރު ހަސަން ސަޢީދު ފްލެޓް ބައްލަވައިގަތުމަށް ފުރުއްވި ފޯމް ފުރައިދިނުމުގެ މަސައްކަތުގައި އުޅުނީ ރައީސް އޮފީހުގެ މުވައްޒިފެއް ކަމަށާއި ސިއްރުން ކުރެވިފައިވާ އެއް ވެސް މުޢާމަލާތެއް އެކަމުގައި ނުވާނެ ކަމަށް ޤާނޫނީ ވަކީލް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ޢަލީ ޒާހިރު ވިދާޅުވީ އެކަމުގައި ފެށުނީންސުރެ ރައީސް އޮފީހަށް ސިއްރުކުރެވިފައިވާ އެއްވެސް ކަމެއް ނެތް ކަމަށާއި ފްރޭމް ކުރަން ބޭނުންވީމާ ފްރޭމް ކުރެވެނީ ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުންގެ ފަރާތްޕުޅުން ދައްކަވަންހުރި ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށާއި އެކަމުގެ ވަގުތުގައި ހާމަކުރަމުން ގެންދާނެ ކަމަށެވެ.
ޢަލީ ޒާހިރު ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި އަލީ ޙަމީދު ދޫނިދޫގައި ތިއްބެވި ގޮޅިން ވަނީ ގޮދަޑިވެސް ބޭރުކޮށްފައި ކަމަށާއި އަރުވާފައިވަނީ ކުނަލެއް ކަމަށެވެ. މިފަދަ ގިނަ ކަންތައްތަކެއް ހުރުމުން ތިއްބެވީ ވަރަށް ނިކަމެތި ހާލުކޮޅުގައި ކަމަށެވެ.
"އަދިވެސް ޢަބްދުﷲ ސަޢީދަކީ ހަމަ އުއްތަމަ ފަނޑިޔާރު. އެހެން ނޫން ކަމަކަށް އަދިވެސް ނުހެދޭނެ. އެހެންވީމާ މިއީ ވަރަށް ދެރަވަރުގެ ކަންތައްތައް." ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.