ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި، މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާތަނަށް 115 ކަނދުފަތި އަޅައި، މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި މަޝްރޫޢުގެ ދަށުން އަޅާފައިވާ ކަނދުފަތިތަކުގެ ތެރޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަ 60 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގ އަދި ފަރު މަސްވެރިކަމަށް ޚާއްސަ 55 ވަދު ކަނދުފަތި ހިމެނެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރެކެވެ. ރާއްޖޭގެ މަސްވެރިކަމުގެ ވިއުގަ ފުޅާކުރުމަށް ކުރަމުންދާ މި މަސައްކަތުގެ ތެރެއިން، ފާއިތުވި އަހަރު އެކަނިވެސް ސަރުކާރުން ވަނީ 44 ވަދު ކަނދުފަތި އަޅާފައެވެ.
މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މިމަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ރާއްޖޭގެ އިތުރު 5 ސަރަޙައްދެއްގައި ކަނދުފަތި އަޅާފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދޮށީ ކަނދުފައްޗާއި، 1 ވަދު ކަނދުފައްޗެވެ.
އަލަށް ކަނދުފަތި އެޅި ސަރަޙައްދުތަކަކީ ކ. ދިއްފުށީގެ އިރުން 13 މޭލު ބޭރުގައި (ދޮށީ ކަނދުފަތި)، ރ. އުނގޫފާރު އިރުން 6 މޭލު ބޭރުގައި (ވަދު ކަނދުފަތި)، ޅ. ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި (ދޮށީ ކަނދުފަތި)، ބ. ތުޅާދޫ ހުޅަނގުން 10 މޭލު ބޭރުގައި (ދޮށީ ކަނދުފަތި) އަދި އއ. މަތިވެރީ ހުޅަނގު އުތުރުން 15 މޭލު ބޭރުގައި (ދޮށީ ކަނދުފަތި) އެވެ.
ކަނދުފައްޗަކީ ރާއްޖޭގެ މަސްވެރިންގެ އާންމު ދިރިއުޅުމާއި މަސައްކަތާ ނުހަނު ބޮޑަށް ގުޅިފައިވާ ވަސީލަތަކަށްވާތީ، ކަނދުފަތި ކަނޑައިގެން ދިއުމުން ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދީ، ހަލާކުވާ ކަނދުފަތިތައް މަރާމާތު ކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.