ނަރުހުންނަށް ކުރިމަތިވާ ތަފާތުކުރުންތައް ނައްތާލައި، ވަޒީފާގެ މާހައުލުގައި ޖަވާބުދާރީވުމުގެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި ވާހަކަދައްކަވާ "ރައްޔިތުންގެ އަޑު" ގެ 14 ވަނަ ޕްރޮގްރާމްގައި މުވައްޒަފުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކޮށް އިންސާފުވެރި މަސައްކަތު މާޙައުލެއް ޔަގީންކޮށްދިނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕްރޮގްރާމްގައި ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ކަމެއް ދިމާވުމުން އިންސާފު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުންނަކަން ފާހަގަކޮށްފައެވެ. އަދި ވަޒީފާގެ މާހައުލުގައި ހުންނަ ކަންބޮޑުވުންތަކަށް ވަޒީފާދޭ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި އިޖާބަ ނުދޭ ކަމަށްވެސް އެ ނަރުސް ބުންޏެވެ.
މީގެ އިތުރުން، އެ ނަރުސް ފާހަގަކުރި ގޮތުގައި ބައެއް ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ އިސް ވެރިންނަށް ތިއްބަވަނީ ސީދާ ނަރުހުންގެ މަސައްކަތުގެ ތަޖުރިބާ ހުރި ބޭފުޅުންނެއް ނޫނެވެ. "އަޅުގަނޑުމެންގެ ވެރިންނަށް ސީދާ ތިއްބަވަނީ ނަރުހުންނެއް ނޫން ބައެއް ތަންތަނުގައި. ބައެއް ފަހަރު އަޅުގަނޑުމެންގެ ޕްރޮފެޝަނަށް ބަލާލުމެއް ނެތި، މިސާލަކަށް އަޅުގަނޑުމެން މަސައްކަތް ކުރާގޮތް ނޭނގި ހުރެ އަޅުގަނޑުމެންގެ ޒިންމާތަކާ ގުޅޭ ކަންކަން ކުރެވޭ އެބަ. ރައީސްއަށް އަސްލު މިކަހަލަ ކަންކަން ނަރުހުންނަށް އަޅުގަނޑަށް އެކަންޏެއް ނޫން. މި ދޭތެރެއިން އައިޖީއެމްއެޗްއަށް ދެވިއްޖެ. އެތަނުން ވެސް ފާހަގަވި ނަރުހުންނަށް ދިމާވެފައި އެބަހުރި. މިކަން ވަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލޭނެ ގޮތެއް [ހޯދަން ޖެހޭ]،" އޭނާ ވިދާޅުވިއެވެ.
ނަރުހުގެ މި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ވަޒީފާގެ މާހައުލުގައި ހުރި އެފަދަ ނުރަނގަޅު ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ނަރުހުންނަކީ މުޖުތަމައަށް ވަރަށް އަގުހުރި، މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ބައެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މުވައްޒަފުންގެ ޝަކުވާތައް އަޑުއަހައި ދެފުށް ފެންނަ އުސޫލަކުން ޖަވާބުދާރީވާނެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ސީރިއަސްކަމާއެކު ބައްލަވާނެ ކަމަށެވެ.
"ތިހުރި ގޮތް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން. ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމުކުރުން ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއެހުމާއި އެކަންކަމަށް ޖަވާބުދާރީވުމާއި ވީހާވެސް ދެފުށް ފެންނަ ގޮތަށް، މުވައްޒަފުންނާ ދޭތެރޭ ނަރުހުން ހާއްސަކޮށް ވަރަށް މުހިންމު ހިދުމަތެއް ދޭ ބައެއް. ތިކަން ވަރަށް ސީރިއަސްކޮށް ބަލާދޭނަން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ދިމާވާ އެކި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޝާމިލު މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.