މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ކިޔެވުމަށް ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުން 2.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސްޓޫޑެންޓް ލޯން ސްކީމަށް ކަމަށް ތަޢުލީމީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި ސަރުކާރުގެ އެކި ސްކީމްތަކުގެ އެހީގައި އެންމެ ގިނަ ދަރިވަރުން ކިޔެވުމަށް އިޚްތިޔާރުކޮށްފައިވަނީ އެކައުންޓިންގ ދާއިރާއެވެ.
ތަޢުލީމީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 3 އަހަރު ތެރޭގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ޖުމްލަ 11،161 ދަރިވަރުންނަށް ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ ތެރެއިން 8،300 ދަރިވަރުންނަށް ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ދީފައިވާއިރު، ސްކޮލަރޝިޕް ސްކީމްތަކުން 594 ދަރިވަރުންނަށް އަދި ސްޓޫޑެންޓް ލޯންގެ ދަށުން 2،267 ދަރިވަރުންނަށް ވަނީ މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީފައެވެ.
- މަތީ ތަޢުލީމަށް ކުރެވުނު ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު:
- ސްޓޫޑެންޓް ލޯން ސްކީމް: 1،599 މިލިޔަން ރުފިޔާ
- ސްކޮލަރޝިޕް ސްކީމް: 670 މިލިޔަން ރުފިޔާ
- ފުރަތަމަ ޑިގްރީ ސްކީމް: 399 މިލިޔަން ރުފިޔާ
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން މިދިޔަ އަންގާރަދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަކިވަކި ދާއިރާތަކުން ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ އެކައުންޓިންގ ދާއިރާއިން ކަމަށާއި، އެ ދާއިރާއިން 920 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މުދައްރިސްކަން ކިޔެވުމަށް 672 ދަރިވަރުން، ނަރުސްކަމަށް 634 ދަރިވަރުން، ޑޮކްޓަރުކަމަށް 502 ދަރިވަރުން، އިންޖިނިއަރިންގ ދާއިރާތަކުން 451 ދަރިވަރުން، އެކި ބާވަތުގެ ތެރަޕީގެ ދާއިރާތަކުން 377 ދަރިވަރުން، އަދި އެލައިޑް ހެލްތު ޕްރޮފެޝަނަލް ދާއިރާތަކުން 324 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޓޫޑެންޓް ލޯނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުޠު ހަމަވި ހުރިހާ ކުދިންނަށް ފުރުޞަތު ދީފައިވާ ކަމަށެވެ.
"ދެން މިހެންގޮސް އެކި ދާއިރާތަކުން. މިހާރު މި ސަރުކާރުން ދިން އެކި ފުރުޞަތުތަކުން. އެއީ ސްކޮލަރޝިޕްތައް ކަމަށްވިޔަސް، އަދި ލޯނު ކަމަށްވިޔަސް. ދެން ލޯނަށް ބަލާއިރުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން އައިސް މިދިޔަ ތިން އަހަރު، ކޮންމެ އަހަރަކުވެސް، ލޯނަށް އެޕްލައި ކުރާ ކުދިންގެ ތެރެއިން، ޝަރުޠު ހަމަވާ ކުއްޖަކު ވެއްޖިއްޔާ އެ ކުއްޖަކަށް ލޯނު އެބަދެން. އެއްވެސް ކުއްޖަކު ބާކީނުކުރަން. ހުރިހާ ކުދިންނަށް އެބަ ލޯނު ދެން. އެހެންވީމާ، އެ ހުރިހާ ކުދިންވެސް ޝަރުޠު ހަމަވުން އެކަނި މީގައި އެ ކުދިން ކުރަން އޮތް ކަމަކަށް އޮތީ،" ރައީސް ވިދާޅުވިއެވެ.