ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ތާއީދުކުރާ ފަރާތްތަކުން ރާއްޖޭގެ ހާލަތު ސިއްރުކޮށް، ދޮގު ޚަބަރު ފަތުރަމުންދާކަން، "ގްރައުންޑްވިއުސް" ނަމަކަށް ކިޔާ ޓްވިޓާ އެކައުންޓަކުން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން އެފަރާތުން ބުނެފައިވާ ގޮތުގައި "މޯލްޑިވްސްއިންކްރައިސިސް" ގެ ހޭޝްޓެގް ބޭނުންކޮށްގެން، ޕީޕީއެމްގެ އެފަރާތްތަކުން ޕޯސްޓް ކޮށްފައިވަނީ ރާއްޖޭގެ ރިސޯޓުތަކާއި އަތިރިމައްޗާއި ހޮޓެލްތައް ފަދަ ތަންތަނުގެ ފޮޓޯތަކެވެ.
ޓްވިޓާ އިން ސަސްޕެންޑް ކޮށްފައިވާ އެކައުންޓްތަކުގެ ތެރޭގައި ރައީސް ޔާމީން ގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް އާއި އަސުރުމާ އަދި ބައެއް ކޯޑިނޭޓަރުންގެ ޓްވިޓާ އެކައުންޓްތައް ހިމެނެއެވެ.
މިމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިމިވާ ދަނޑިވަޅެއްގައި، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި (ޚާއްސަކޮށް ޓްވިޓާގައި) ތަފާތު އެކި ޝުޢޫރުތައް ފާޅު ކުރަމުން އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔާ ރައްދު ދެމުންނެވެ.