ވަގުތީ ސަރުކާރެއް އެކުލަވާލުމަށްފަހު ރިޔާސީ އިންތިޚާބު ބާއްވަން ރައީސް ނަޝީދު ގޮވާލައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ވަގުތީ ސަރުކާރެއް އެކުލަވާލުމަށްފަހު ރިޔާސީ އިންތިޚާބު ބާއްވަން ރައީސް ނަޝީދު ގޮވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމް އިސްތިއުފާދެއްވައި ރާއްޖޭގައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށްފަހު ރިޔާސީ އިންތިޚާބު ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ހައްޔަރީން މިނިވަންކުރެއްވުމަށް މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާތީ އަމުރު ތަންފީޒުކުރުމަށް ގޮވާލައި ރާއްޖޭގެ އެތައް ހާހެއްހާ ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑު އުފުލާފައިވާކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި އެމަނިކުފާނު ވަނީ ރައީސް ޔާމީން މަޤާމުން އިސްތިއުފާދެއްވައި ރާއްޖޭގައި ވަގުތީ ސަރުކާރެއް އެކުލަވާލުމަށްފަހު އެންމެނަށް ބައިވެރިވެވޭނެ މިނިވަން އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައިފައެވެ.

ރައީސް ނަޝީދަކީ ވެސް ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައި މިނިވަންކުރުމަށް އަންގަވާފައިވާ ސިޔާސީ ހައްޔަރީންގެ ތެރެއިން އެކެކެވެ. ޓެރަރިޒަމްގެ ތުހުމަތުގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ރައީސް ނަޝީދު މިހާރު ހުންނެވީ އިންޑިއާގެ 'ދަ ހިންދޫ' ނޫހުން އިންތިޒާމްކޮށްގެން ބެންގާލޫރުގައި ބާއްވާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ތަނުގައެވެ.


މިއަދު އޮންލައިން