ސިޔާސީ ހުކުމްތަކެއް ތަންފީޒުކުރައްވަމުންގެންދަނީކަމަށް ނިންމައި ނުވަ ބޭފުޅަކު މިނިވަންކުރުމަށާއި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިނުގެއްލޭކަމަށް ސްޕްރީމް ކޯޓުން މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު އެއިގެ ރޫޙާ އެއްގޮތަށް އަކުރުން އަކުރަށް ފުރިހަމައަށް ތަންފީޒުކުރުމަށް އިންޑިއާއިން މިއަދު ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު މި އަމުރު ތަންފީޒުނުކޮށް ދިވެހި ސަރުކާރުން ވަނީ މި ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު ފުލުހުން ވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދު ހައްޔަރުކޮށްފައެވެ. އެއަށްފަހުގައި ސްޕްރީމް ކޯޓުގައި ބާކީ ތިއްބެވި ތިން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމުގެ އަމުރު ބާތިލްކޮށް 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމުގެ އަމުރަށް އަމަލުކުރުން ފަސްކުރުމަށް އަންގައި އަމުރެއް ނެރެފައެވެ.
މި ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު މިއަދަށް ހަމަވާއިރު، އެ ހާލަތު އިތުރު 30 ދުވަހަށް ދިގުދަންމަން ދިވެހި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފައެވެ. އެހެން ނަމަވެސް ޤަރާރު ފާސްކުރުމަށް މަޖިލީހުގައި ވޯޓުލާން 43 މެންބަރުން ހާޒިރުވާން ޖެހޭއިރު، އެ އަދަދަށް މެންބަރުން ހާޒިރުވެފައެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައިވަނީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 39 މެންބަރުންނެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެންބަރުންވަނީ ޖަލްސާ ބޮއިކޮޓްކޮށްފައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މި ހިނގާ ކަންތައްތަކާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ދިވެހި ސަރުކާރުން އިތުރުނުކުރާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓައި ޤާނޫނުގައިވާ ގޮތަށް ޖުޑީޝަރީއާއި އެހެނިހެން މުއައްސަސާތައް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށާއި މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ކަންތައްތައް ފުރިހަމައަށް ތަންފީޒުކުރަންޖެހޭނެކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުންތަކަށް އިޖާބަދީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށާއި ޑިމޮކްރަސީގެ ހަމަތަކަށް ދިވެހި ސަރުކާރު ރުޖޫއަވުމަށް އިންޑިއާއިން ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.