ރާއްޖޭގެ އާބާދީ މަދު ނަމަވެސް ބޭރު ކަރަތަކުން ރާއްޖެއަށް ބިރުދައްކާނެ ކަމެއް ނެތް ކަމަށާއި ދިވެހިން ވާނީ ޕޯޗްގީޒުންވެސް ފަހާލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރުމާލް 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި މުސާ މަނިކު ވިދާޅުވީ ދިވެހިންގެ ޙައްޤުތައް ހިމާޔަތް ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ޕީޕީއެމުން ކުރާނެ ކަމަށެވެ. އެކަމާއިމެދު ބޭރުގެ ފަރާތްތަކުން ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ.
މޫސާ މަނިކު މިމޭރުމުން ވިދާޅުވެފައިވާއިރު އިންޑިއާ އިން މިއަދު ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުނުކުރުމަށާއި ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ކުރި އަމުރު އަސްލާއި އެއްގޮތަށް ތަންފީޒުކުރަން ސަރުކާރަށް ބާރުއަޅައިފައެވެ.
ރާއްޖެއަށް މަނަވަރުތައް ފޮނުވަންޖެހޭ ވަރުގެ ކަމެއް ރާއްޖޭގައި އެބަހިނގާތޯ ވެސް މުސާ މަނިކު ވަނީ ސުވާލު ކުރައްވައިފައެވެ. މުސާ މަނިކު މިމޭރުމުން ސުވާލުކުރައްވާފައި މިވަނީ ޗައިނާގެ މަނަވަރުތަކެއް މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ބުނެ ބޭރުގެ މީޑިއާތަކުން ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ.
މުސާ މަނިކު ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި މިއަދު އަދަދު ހަމަނުވީ މަޖިލީހުގެ އިދިކޮޅު މެންބަރުން ޖަލްސާއަށް ހާޒިރު ނުވުމުން ކަމަށެވެ.
އެހެންކަމުން މިއަދުގެ ވޯޓުގައި ބައިވެރިވި މެންބަރުންގެ މައްސަލަ ބަލަންޖެހޭނީ އިދިކޮޅު މެންބަރުން ހިފައި ހައްޔަރުކުރުމަށްފަހުގައި ކަމަށެވެ.
އަދި ކިތަންމެ ބޮޑު ޤާނޫނީ ވަކީލަކު ވިދާޅުވި ނަމަވެސް މަޖިލީހުގައި މިއަދު ނެގި ވޯޓަކީ ޞައްޙަ ވޯޓެއް ނޫން ކަމަށް ޤަބޫލުފުޅު ނުރައްވާނެ ކަމަށެވެ.