ބެސިކްޓަސް ކޮޅަށް ފަސް ލަނޑު ޖަހައި ބަޔާން ކުއާޓާއާ ގާތަށް

ކިޔުމަށް ހޭދަވާނީ 1މ 14ސ
 ބެސިކްޓަސް ކޮޅަށް ފަސް ލަނޑު ޖަހައި ބަޔާން ކުއާޓާއާ ގާތަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބެސިކްޓަސް ކޮޅަށް ފަސް ލަނޑު ޖަހައި ބަޔާން މިއުނިޗް މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ގިނަ ވަގުތު ބެސިކްޓަސްއަށް ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. މެޗުގެ 16 ވަނަ މިނެޓުގައި ބެސިކްޓަސްގެ ޑިފެންޑަރު ޑޮމަގޮޖް ވިޑާއަށް ވަނީ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މިކަމުގެ ފައިދާ ނަގައި ބަޔާންއިން ވަނީ ބެސިކްޓަސް ޕްރެސަރަށް ގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 43 ވަނަ މިނެޓުގައި ބަޔާންގެ ތޯމަސް މުލާ ލަނޑެއް ޖަހައި ބަޔާންއަށް ލީޑު ނަގައިދިނެވެ.

ބަޔާންގެ އަނެއް ހަތަރު ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ތެރެއިންނެެވެ. ބަޔާންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 52 ވަަނަ މިނެޓުގައި ކިންގްސްލީ ކޯމަންއެވެ. މެޗުގެ 66 ވަނަ މިނެޓުގައި ބަޔާންގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން މުލާއެވެ. ބަޔާންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ 79 ވަނަ މިނެޓުގައި ބަޔާންގެ ޓޮޕް ސްޓައިކަރު ރޮބާޓް ލެވަންޑޮސްކީއެވެ. މެޗުގެ 88 ވަނަ މިނެޓުގައި ބަޔާން ކާމިޔާބުކުރި ފަހު ލަނޑު ވެސް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވްންޑޮސްކީއެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ 15 ވަނަ ދުވަހު ބެސިކްޓަސްގެ ދަނޑުގައެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ދެވަނަ ބުރުގައި ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޓީމަކަށެވެ.~~
މިއަދު އޮންލައިން