ބާސާ ލީޑުގައި، ރިއާލަށް ވެސް މޮޅެއް

ކިޔުމަށް ހޭދަވާނީ 1މ 42ސ
ބާސާ ލީޑުގައި، ރިއާލަށް ވެސް މޮޅެއް

ސްޕެނިޝް ލީގުގައި ބާސެލޯނާއިން ޖިރޯނާ ބަލިކޮށް ލީގުގެ އެއްވަނައިގައި ލީޑު ފުޅާކުރިއިރު، ލީގުގައި އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން ރިއާލް މެޑްރިޑް ވެސް މޮޅުވެއްޖެއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުން ގިރޯނާގެ މައްޗަށް ކުރިހޯދީ ފަސޭހަކަމާއެކު 1-6 ގެ ނަތީޖާއިންނެވެ. މެޗުގެ 3 ވަނަ މިނެޓުގައި ޖިރޯނާގެ ޕޯޓުގެ ލަނޑުން މެޗުގެ ފުރަތަމަ ލީޑު ނެގި ނަމަވެސް މެޗުގެ 5 ވަނަ މިނެޓުގައި ބާސެލޯނާގެ ލުއިސް ސުއަރޭޒް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ 30 ވަނަ މިނެޓުގައި ބާސެލޯނާއަށް މެޗުގެ ލީޑު ނަގައިދިނީ ލިއޮނަލް މެސީއެވެ. މެސީ ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ވެސް ލަނޑެއް ކާމިޔާބުކޮށްފައެެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލުއިސް ސުއަރޭޒް ވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-4 ގެ ނަތީޖާއިން ބާސެލޯނާ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް މެޗު ޑޮމިނޭޓްކުރަމުން ދިޔައީ ބާސާއިންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ބާސެލޯނާގެ ފިލިޕޭ ކުޓީނިއޯ ލަނޑެއް ކާމިޔާބުކުރިއިރު، ސުއަރޭޒް ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފައެވެ.

އަލަވޭސްއާ ދެކޮޅަށް ރިއާލް ކުޅުނު މެޗުން ރިއާލް މޮޅުވީ 0-4 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަަހައި ރިއާލަށް ލީޑު ނަގައިދިނީ މެޗުގެ 44 ވަނަ މިނެޓުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެޗުގެ 46 ވަނަ މިނެޓުގައި ރިއާލްގެ ގެރެތް ބޭލް ލަނޑެއް މެޗުގެ ލީޑު ފުޅާކުރިއެވެ. ރިއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި ރޮނާލްޑޯއެވެ. ރިއާލްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 89 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރިމް ބެންޒީމާއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 25 މެޗުން 65 ޕޮއިންޓް ލިބިގެންނެވެ. ލީގު ތާވަލުގެ ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 24 މެޗުން 55 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި ރިއާލް މެޑްރިޑް އޮތީ ކުޅުނު 25 މެޗުން 51 ޕޮއިންޓް ލިބިގެންނެވެ.
ލީގުގައި އެތްލެޓިކޯ މެޑްރިޑް މިރޭ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަން 12:45 ގައެވެ.

މިއަދު އޮންލައިން