ފަސޭހަކަމާއެކު އާސެނަލް ބަލިކޮށް ސިޓީއިން އިނގިރޭސި ލީގުކަޕްގެ ތަށި އުފުލާލައިފި
ކަރަބައޯ އިންގްލިޝް ފުޓްބޯލް ލީގު ކަޕް މުބާރާތުގެ ފައިނަލް މެޗުގައި ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއިން އާސެނަލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ހޯދައިފިއެވެ.
މެޗު ފަށައިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސް ކުރަމުން ދިޔައީ މެންޗެސްޓާ ސިޓީއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ސިޓީގެ ސާޖިއޯ އަގުއޭރޯގެ ލަނޑުން ސިޓީއިން ލީޑު ނެގިއެވެ. މެޗުގެ 58 ވަނަ މިނެޓުގައި ސިޓީގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ލަނޑެއް ޖަހައި ސިޓީއަށް މެޗުގެ ލީޑު ފުޅާކޮށްދިނެވެ. ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 65 ވަނަ މިނެޓުގައި ސިޓީގެ ތަރި ޑޭވިޑް ސިލްވާއެވެ.
މިއީ ސިޓީގެ މިހާރުގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީ ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީއިން އަންނަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އިނގިރޭސި ލީގުގައި ސިޓީ އެއްވަނައިގައި އޮތީ 13 ޕޮއިންޓްގެ ލީޑެއްގައެވެ.
މިއީ ސިޓީ ލީގު ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދާފައިވާ ޓީމަކީ ލިވަޕޫލެވެ. ލިވަޕޫލް ވަނީ މި މުބާރާތް 8 ފަހަރު ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަންގައި މި މުބާރާތް ކާމިޔާބުކުރީ މެންޗެސްޓާ ޔުނައިޓެޑެވެ.