ތަފާތު ބޮޑު މޮޅަކާއެކު ނަޕޯލީއަށް ހަތަރު ޕޮއިންޓްގެ ލީޑެއް

ކިޔުމަށް ހޭދަވާނީ 1މ 1ސ
ތަފާތު ބޮޑު މޮޅަކާއެކު ނަޕޯލީއަށް ހަތަރު ޕޮއިންޓްގެ ލީޑެއް
އިޓަލީ ލީގުގައި ކަލިއާރީއާ ދެކޮޅަށް ކުޅުނު މެޗުން 0-5 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީއިން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މުޅި މެޗު ޑޮމިނޭޓްކޮށްފައިވަނީ ނަޕޯލީއިންނެވެ. މި މެޗުގައި ނަޕޯލީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހޯސޭ ކަލެޔޮން، ޑްރައިސް މާޓެންސް، މަރެކް ހަމްސިކް، ލޮރެންޒޯ އިންސިގްނޭ، އަދި މާރިއޯ ރުއީއެވެ.

ރޭގެ މެޗުން މޮޅުވުމާއެކު، ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ ކުޅުނު 26 މެޗުން 69 ޕޮއިންޓް ލިބިގެންނެވެ. ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ކުޅުނު 25 މެޗުން 65 ޕޮއިންޓް ލިބިގެން ދެވަނައިގައެވެ.
ލީގުގެ އެއްވަނައިގައި ނަޕޯލީއަށް ޕޮއިންޓް ފަރަޤު ފުޅާކުރަން ފުރުސަތު ލިބުނީ މި ހަފުތާގައި ޔުވެންޓަސްއާއި އެޓަލާންޓާއާ ބައްދަލުކުރާ މެޗު ފަސްކުރުމާ ގުޅިގެންނެވެ. މި މެޗު ފަސްކޮށްފައިވަނީ ދަނޑުގައި މެޗު ނުކުޅުވޭ ވަރަށް ސްނޯ ފޭބުމާ ގުޅިގެންނެވެ.

މި ސީޒަންގައި ނަޕޯލީ ވަނީ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގާއި، އިޓަލީ ކަޕުން ވެސް ކަޓާފައިވާތީ ޓީމުގެ ހުރިހާ ސަމާލުކަމެއް މިހާރު އޮތީ ލީގަށެވެ. ނަޕޯލީ އެންމެ ފަހުން ލީގު ކާމިޔާބުކޮށްފައިވަނީ 1990 ވަނަ އަހަރުގައެވެ.
މިއަދު އޮންލައިން