އެންމެ ފަހު ވަގުތު ޖެހި ލަނޑުން ރިއާލް އެސްޕަންޔޯލްގެ އަތްދަށުވެއްޖެ
ސްޕެނިޝް ލީގުގައި ރިއާލް މެޑްރިޑާއި އެސްޕަންޔޯލް ބައްދަލުކުރި މެޗުގައި އެންމެ ފަހު ވަގުތު ޖެހި ލަނޑުން ރިއާލް ބަލިވެއްޖެއެވެ.
އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުން އެސްޕަންޔޯލްއިން މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ލަނޑު މެޗު ނިމެން ދަނިކޮށް އެސްޕަންޔޯލަށް ކާމިޔާބުކޮށްދިނީ ޖެރާޑު މޮރެނޯއެވެ. ރިއާލުން މި މެޗު ކުޅެފައިވަނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ނުލައެވެ.
ރޭގެ މެޗުތަކުގެ ނަތީޖާއާއެކު ރިއާލް އޮތީ ކުޅުނު 26 މެޗުން 51 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ތިންވަނައިގައެވެ. ލީގުގެ ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 25 މެޗު ކުޅެގެން 58 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 25 މެޗުން 65 ޕޮއިންޓް ލިބިގެން ލީގުގެ އެއްވަނައިގައި އޮތީ ބާސެލޯނާއެވެ. 49 ޕޮއިންޓާއެކު ހަތަރުވަނައިގައި އޮތް ވެލެންސިއާ މިރޭ ނުކުންނަ މެޗުން މޮޅުވެގެން ލީގުގެ ތިންވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ރޭ ކުޅުނު މެޗުން ބަލިވުމާއެކު ރިއާލް ވަނީ މި ސީޒަންގެ ލީގުގައި ކެޓަލޯނިއާ ސަރަހައްދުގެ ތިން ޓީމެއްގެ އަތުން ބަލިވެފައެވެ. އެއީ އެސްޕަންޔޯލްގެ އިތުރުން ވާދަވެރި ބާސެލޯނާއާއި ޖިރޯނާއެވެ. މިދިޔަ ދެ ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މިދިޔަ ސީޒަންގައި ސްޕެނިޝް ލީގު ކާމިޔާބުކުރި ރިއާލްއިން މި ސީޒަންގައި އަދި ނެރެފައިވަނީ ވަރަށް ދަށް ނަތީޖާތަކެއްގައެވެ. ދަށް ނަތީޖާތަކުގެ ސަބަބުން ރިއާލްގެ ކޯޗު ޒައިނުއްދީން ޒިދާނަށް ވަނީ ގިނަ ޕްރެސަރުތަކާ ކުރިމަތިލާން ޖެހިފައެވެ.
ސްޕެނިޝް ކަޕުން ވެސް ކަޓާފައިވާ ރިއާލަށް މި ސީޒަންގައި ކާމިޔާބުކުރެވޭނެކަމުގެ އުއްމީދު އޮތީ ހަމައެކަނި ޗެމްޕިއަންސް ލީގު މުބާރާތެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރިއާލް ނުކުންނަން ޖެހޭނީ ފްރާންސްގެ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށެވެ. މި ބުރުގައި ރިއާލްގެ ދަނޑުގައި ކުޅުނު ލެގުން ރިއާލް ވަނީ 1-3 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށްފައެވެ. ޕީއެސްޖީއާ ދެކޮޅަށް ރިއާލް ނުކުންނަ ދެވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ 3 ވަނަ ދުވަހުގައެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލް ދަތުރުކުރާނީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޓީމެވެ.