ބާސެލޯނާގެ ކުރީގެ ތަރި ކުއިނީ މަރުވެއްޖެ
ބާސެލޯނާއާއި ސްޕެއިންގެ ކުރީގެ ފުޓުބޯޅަ ތަރި އެންރީކޭ ކާސްޓްރޯ (ކުއިނީ) މަރުވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުއިނީ މަރުވެފައިވަނީ ގިޖޯންގައި އޭނާ ދިރިއުޅޭ ގެ ކައިރީގައި ހުއްޓައި ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ. ހާޓް އެޓޭކެއް ޖެހިގެން ކުއިނީ ވަގުތުން ހޮސްޕިޓަލެއް ގެންދިޔަކަމަށާއި އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން އޭނާއަށް ފަރުވާދޭން ފެށުމުގެ ކުރިން މަރުވެއްޖެކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ކުއިނީ މަރުވިއިރު އޭނާގެ އުމުރަކީ 68 އަހަރެވެ.
ސްޕެއިން ފުޓުބޯޅައިގެ ތާރީޚުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުއިނީ އޭނާގެ ފުޓުބޯޅަ ކަރިއަރު ފަށާފައިވަނީ އެންސިޑެސާއަށެވެ. 1968 ވަނަ އަހަރުގެ ތެރޭގައި ސްޕޯޓިން ގިޖޯންއަށް ބަދަލުވުމަށްފަހުގައި ކުއިނީ ވަނީ ކާމިޔާބު ދުވަސްވަރެއް ހޭދަކޮށްފައެވެ. ސްޕޯޓިންއަށް ކުއިނީ ވަނީ ކުޅެދިން 381 މެޗުގައި 214 ލަނޑު ކާމިޔާބުކޮށްފައެވެ.1980 ވަނަ އަހަރުގައި ބާސެލޯނާއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 100 މެޗުގައި 54 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. ބާސެލޯނާގެ ހަތަރު އަހަރު ހޭދަކުރުމަށްފަހު ކުއިނީ ވަނީ އަލުން ސްޕޯޓިންއަށް ބަދަލުވެފައެވެ. ފުޓުބޯޅަ ކަރިއަރުން ކުއިނީ ރެޓަޔާވެފައިވަނީ ސްޕޯޓިންގައި ހުއްޓައެވެ.
ސްޕެނިޝް ލީގުގެ ސީޒަންގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރާ ކުޅުންތެރިޔާއަށް ދޭ ޕިޗިހީ އެވޯޑް ކުއިނީ ވަނީ ފަސް ފަހަރު މަތިން ހޯދައިފައެވެ. ސްޕެނިޝް ލީގުގައި މިހާރު ވިދަމުން އަންނަ ދެ ތަރިންކަމަށްވާ ރިއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށާއި ބާސެލޯނާގެ ލިއޮނަލް މެސީއަށް ވެސް އަދި އެ އަދަދަށް ޕިޗިހީ އެވޯޑެއް ނުލިބެއެވެ. މެސީއަށް ހަތަރު ފަހަރު ލިބިފައިވާއިރު ރޮނާލްޑޯއަށް ލިބިފައިވަނީ ތިން ފަހަރުކަމަށެވެ.