ގްރީޒްމަންގެ ލަނޑުތަކުން އެތްލެޓިކޯއަށް މުހިންމު މޮޅެއް
ސްޕެނިޝް ލީގުގައި ލެގަނޭސްއާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު، 0-4 ގެ ނަތީޖާއިން އެތްލެޓިކޯ މޮޅުވެއްޖެއެވެ.
އެތްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެތްލެޓިކޯގެ ހަތަރު ލަނޑު ވެސް ކާމިޔާބުކުރީ އެ ޓީމުގެ ފްރާންސް ތަރި އެންޓޮއިން ގްރީޒްމަނެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި އެތްލެޓިކޯ ކުޅުނު މެޗުގައި ވެސް ގްރީޒްމަން ވަނީ ހެޓްރިކެއް ހަދައިފައެވެ. އެހެންވުމާއެކު، މިއީ އެތްލެޓިކޯގެ ތާރީޚުގައި 21 ވަނަ ގަރުނުގައި ޖެހިޖެހިގެން ދެ މެޗުގައި އެތްލެޓިކޯއަށް ކުޅުންތެރިޔަކު ހެޓްރިކެއް ހެދި ފުރަތަމަ ފަހަރު ވެސް މެއެވެ.
ރޭގެ މެޗުތަކުގެ ނަތީޖާއާއެކު އެތްލެޓިކޯ އޮތީ ލީގު ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 26 މެޗުން 61 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 26 މެޗުން 51 ޕޮއިންޓް ލިބިގެން ރިއާލް މެޑްރިޑް ލީގުގެ ތިންވަނައިގައި އޮތްއިރު، ވެލެންސިއާ އޮތީ ކުޅުނު 26 މެޗުން 50 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި 25 މެޗު ކުޅެގެން 65 ޕޮއިންޓް ލިބިގެން އޮތީ ބާސެލޯނާއެވެ.
ލީގުގައި ބާސެލޯނާ މިރޭ ނުކުންނާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ. ލީގުގެ 27 ވަނަ ހަފުތާގެ މެޗުތަކުގައި ބާސެލޯނާ ބައްދަލުކުރަންޖެހޭނީ އެތްލެޓިކޯއާއެވެ. ބާސެލޯނާއާ ބައްދަލުކުރުމުގެ ކުރިން އެތްލެޓިކޯގެ އެންމެ މުހިންމު ކުޅުންތެރިޔާ ފޯމެއްގައި ހުރުމަކީ އެތްލެޓިކޯއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު އޮތީ އަންނަ އާދީއްތަ ދުވަހު ބާސެލޯނާގެ ދަނޑުގައެވެ.