ބަރްޒަޚްގެ ޢާލަމާއިމެދު ވިސްނަން ބޭނުން މީހާއަށް އެންމެ ފަސޭހައިން ވިސްނޭނީ ހުވަފެނާމެދު ވިސްނުމުން- ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ބަރްޒަޚްގެ ޢާލަމާއިމެދު ވިސްނަން ބޭނުން މީހާއަށް އެންމެ ފަސޭހައިން ވިސްނޭނީ ހުވަފެނާމެދު ވިސްނުމުން- ބިލާލް އައްސަދު
ތިމާ މަރުވުމަށްފަހު ޤިޔާމަތް ދުވަހާއި ދެމެދު ހޭދަކުރަންޖެހޭ ދުވަސްތައް ނުވަތަ ބަރްޒަޚްގެ ޢާލަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. ކައްވަޅުގައި އަޒާބުލިބޭނެ ގޮތްކާއިބެހޭގޮތުންވެސް ސުވާލު އުފައްދައެވެ.

ބަރްޒަޚްގެ ޢާލަމުގައި ކަންކަން ހިނގާނެ ގޮތް އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަމުގެ ޢިލްމު އެއްވެސް މީހަކަށް ލިބިފައިނެތުމުންނެވެ. ނަމަވެސް ހުވަފެނުގައި ކަންކަން ހިނގާ ގޮތަށް ވިސްނައިލުމުން ކޮންމެވެސް މިންވަރެއް ވިސްނޭނެއެވެ.

ތިބާ ނިދާފައި އޮންނަނީ ކޮޓަރިއެއްގައި ހުރި އެނދެއްގައިކަމަށްވެދާނެއެވެ. ނަމަވެސް ތިބާގެ ރޫހް ނުކުމެގެން އެބަދެއެވެ. ގޮސް އެތައް ބައިވަރު ކަންތައްތަކެއް އެބަ ކުރެއެވެ. ބައެއް ފަހަރު ކަނޑުގެ އަޑިއަށްވެސް އެބަދެއެވެ. އޮކްސިޖަނަކާއިވެސް ނުލައެވެ. ސަބަބަކީ ރޫޙަށް ކާނާ އާއި އޮކްސިޖަން ބޭނުން ނުވާކަމެވެ.

ހުވަފެނުގައި އަނިޔާ ލިބިއްޖެނަމަ ތަދު އިހްސާސްވެއެވެ. އުފާވެރިކަމެއް މެދުވެރިވެއްޖެނަމަ އުފާވެއެވެ. ހަމަ ހޭލައި ހުއްޓާ ކަމެއް މެދުވެރިވާ ފަދައިންނެވެ.

މިކަންކަމުން އެނގެނީ އަޒާބެއް އިހްސާސް ކުރަން ނުވަތަ ނިއުމަތެއް ލިބިގަންނަން ކޮންމެހެން ހަށިގަނޑު ބޭނުންނުވާކަމެވެ. ތިބާގެ ރޫހަށް ކަންކަން މެދުވެރިވުމުން އެކަން ތިބާއަށް އިޙްޞާޞްކުރަންޖެހޭ ކަމެވެ.

މާތް ﷲ އިންސާނާ އުފައްދަވާފައިވާ ގޮތުން މިކަންކަން ހިނގަނީ ނުވަތަ އިޙްސާސްވަނީ ސިކުނޑިއަށް ކަމަށް ބުނެވިދާނެއެވެ. އިންސާނާ އާއި އިންސާނާގެ ސިކުނޑި އުފައްދަވައި އެ ސިކުނޑިއަށް ކަންކަން އިޙްސާސް ކުރުމުގެ ކުޅަދާނަކަން ދެއްވެވި މާތް ﷲ އަށް އެ ސިކުނޑިއާއި ނުލައި ކަންކަން އިޙްޞާޞްވާނެ ގޮތް މެދުވެރި ނުކުރެއްވެވެންވީ ކީއްވެގެންހެއްޔެވެ؟

އާޚިރަތް ދުވަހަށްޓަކައި ގަދައަޅައި މަސައްކަތްކުރަންވީ މިފަދަ ސަބަބުތައް ހުރުމުންނެވެ. ބާއްޖަވެރިކަމާއިއެކު ސަލާމަތުން ދުނިޔޭގެ ދަތުރު ފުރިހަމަ ކުރި އެއްވެސް މީހަކަށް ކައްވަޅުގައި އަޒާބެއް ނުލިބޭނެއެވެ. ކައްވަޅު ވެގެންދާނީ އެފަދަ މީހުންނަށް އަރާމު ތަންމައްޗަކަށެވެ. ޤިޔާމަތާއި ހަމައަށް އެމީހަކު ކައްވަޅުގައި އޮންނާނީ އަރާމުގައި ނިދާލައިފައެވެ.

"ކައްވަޅުގެ އަޒާބުން ސަލާމަތްވި މީހާއަށް ޤިޔާމަތް ދުވަހުގަ ކަންކަން ދާނީ އިތުރަށް ފަސޭހަވެގެން. ސަލާމަތް ނުވެވުނު މީހާއަށް ދާނީ އިތުރަށް ދަތި އުނދަގޫވެގެން. މިއީ ޙަދީޘްފުޅުން ސާބިތުކަންކަން."

ލޮބުވެތި އަޚުންނޭވެ! މަރުވުމުން ތިބާ އާއިއެކު ހަޤީޤަތުގައި ގެންދެވެނީ ހަމަ އެންމެ އެއްޗެކެވެ. އެއީ ތިބާ ކުޅަ ހެޔޮ އަމަލެވެ. ޢާއިލާގެ ހެޔޮ ދުޢާއިން ތިބާއަށް ފައިދާކުރެއެވެ. ނަަމަވެސް ދުޢާ ކުރަން ހަނދާން ހުންނަނީ ކިހައި ދުވަހެއް ވަންދެން ހެއްޔެވެ؟ ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަނދާންނެތޭ ނޫންހެއްޔެވެ؟

މިއީ ކަންކަން އޮތް ގޮތެވެ. އޮތީ ދަތުރަށް ތައްޔާރުވުމެވެ. ދެ ދުނިޔޭގެ ސަލާމަތްކަމަށް އެދޭނަމައެވެ.

-ބިލާލް އައްސަދު ދަރުސަކުން-
މިއަދު އޮންލައިން