ތިބާ ނަމާދުކުރެއެވެ. ތިބާގެ ދަރިފުޅު ކިޔަވަން ފޮނުވީ އެންމެ މޮޅު ސްކޫލަށެވެ. ޤައުމުގެ ސްކޫލްތައް ކަމުނުދާތީ ބޮޑު ޚަރަދުކޮށްފައި އިންޓަރނޭޝަނަލް ސްކޫލަށެވެ. އެކަމަކު ނަމާދެއް ނުކުރެއެވެ. ވީއިރު ކިޔަވައިދެވުނީ ކޮން އެއްޗެއް ހެއްޔެވެ؟
މިއީ މިހާރު އޮތް އެންމެ ބޮޑު މައްސަލައެވެ. ދަރިން އެގޮތުގައި ބޮޑުވެ އަމިއްލަ ދިރިއުޅުން އުޅެން ފެށުމުން ވެސް ނަމާދެއް ނުކުރެއެވެ.
ނަތީޖާއެއްގެ ގޮތުން އެއްގެއެއްގައި އުޅޭތަން ފެންނަނީ ދެ ދީނެއްގެ ބައަކު އުޅޭ ގޮތަށެވެ. މި މައްސަލަ ބޮޑުވެގެން އައިސް މިހާރު މިވަނީ އެންމެ ބޮޑު އެއް މައްސަލައަށް ވެފައެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރަކީ އެންމެ ބޮޑު ދައުރެވެ. ދަރިން ލައްވައި ނަމާދުކުރުވުމަކީ މައިން ބަފައިންގެ މަސްއޫލިއްޔަތެވެ. އެހެންކަމާއިއެކުވެސް ޒަމާނަށް އައިސްފައިވާ ބަދަލުތަކާއިއެކު އެކަމަށް ސްކޫލްތަކުގެ އެއްބާރުލުން ލިބެންޖެހެއެވެ. ދެވޭ ތައުލީމުގައި ތައުހީދުގެބައި ހިމެނެން ޖެހެއެވެ. ނަމާދުކުރުމަށް ޝައުޤުވެރިވާ މާހައުލެއްގައި ކިޔަވައިދެވެންޖެހެއެވެ.
ދަރިންނަށް ކިތަންމެ މަތީ ފާހެއް ނަގައި ދިން ނަމަވެސް އެއިގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނީ އެފާހަކީ ދެދުނިޔެއަށް ކަންކަން ފަހިވެގެންދާނެ ފާހަކަށްވެގެންނެވެ. ކިތަންމެ މަތީ ފާހެއް ނަގައިގެން ކިތަންމެ މަތީ މަޤާމެއް އަދާކުރި ނަމަވެސް އެކަމުގެ ފައިދާ ކުރާނީ ހަމައެކަނި މިދުނިޔޭގައެވެ.
އާޚިރަތް ދުވަހު ފައިދާއެއް ކުރާނީ އާޚިރަތް ދުވަހަށްޓަކައި މަސައްކަތްކުރެވިއްޖެ ނަމައެވެ. އާޚިރަތް ދުވަހު ފައިދާކުރާނެ ގޮތަކަށް މިދުނިޔޭގައި މަސައްކަތް ނުކުރެވިއްޖެނަމަ ކިތަންމެ މަތީ މަޤާމެއް އަދާކުރި ނަމަވެސް އޮތީ ކޮން ހަޤީޤީ ފައިދާއެއް ހެއްޔެވެ؟
ދަރިފުޅު ރަނގަޅު ވަޒީފާއެއް އަދާކުރާނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. އުފާވެސް ވެއެވެ. ހަމަ އެދަރިފުޅަށް ނަރަކައަށް ދާންޖެހޭތަން ފެންނާނެ ގޮތެއް މެދުވެރިވެއްޖެނަމަ މިދުނިޔޭގައި ލިބުނު ހިތްހަމަޖެހުމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ބޮޑުވާނީ މިދުނިޔޭގައި ލިބުނު އުފާހެއްޔެވެ؟ ނޫނީ އެފަދަ ވަގުތަކު ލިބޭނެ ހިތްދަތިކަން ހެއްޔެވެ؟
މިއީ ދަރިންނަށް ތައުލީމު ދިނުމުގައި ކޮންމެހެން ވެސް ވިސްނާލަން ޖެހިފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އަޅުގަނޑު ދަންނަވާނީ އިސްލާމީ ތަރުބިއްޔަތު ނުދެވޭ ގޮތަކަށް ދަރިންނަށް ދެވޭ ތައުލީމަކީ ދަރިންނަށް ދެވޭ އަނިޔާއެއް ކަމަށެވެ. އަދި ޚުދު ތިމާ އަމިއްލައަށްވެސް ލިބިގަނެވޭ އަނިޔާއެއް ކަމަށެވެ.
- މުފްތީ މެންކްގެ ދަރުސަކުން -