ކައްވަޅުގައި ގަދަފަދަ އަޒާބުލިބޭކަން އެއީ ޔަޤީންކަމެކެވެ. ކައްވަޅުގައި ލިބޭއަޒާބު ބޮޑުކަމުން ޖަނަވާރުތަކަށް އެ އަޑު އިވޭނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުތަކުން ސާބިތުވެއެވެ.
އެއްދުވަހަކު ސަހަރާއެއްގައި ހިންގަވަމުން ގަހެއްގެ އޮފިކޮޅެއް ބިންދަވާލައްވަވައި ދެމީހެއްގެ މަހާނައިގައި ޖެއްސެވިއެވެ. އެއީ ޢާންމުކޮށް އިތުރު މާތް ނަބިއްޔާ ކުރައްވަވާ ކަމަކަށް ނުވާތީ އެކަމާއި ގުޅޭގޮތުން ޞަހާބީން ސުވާލު ކުރެއްވެވިއެވެ.
އެހިނދު އިތުރު މާތް ނަމިއްޔާ، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވިދާޅުވިއެވެ. "އެ ދެ މީހުންނަށް ކައްވަޅުގައި އެދަނީ އަޒާބުލިބެމުންނެވެ. އެތަނުން އެކަކީ ދުނިޔޭގައި މީސްތަކުންނާއިމެދު ދޮގު ވާހަކަތައް ފަތުރައި ފިތުނަ އުފެއްދި މީހެއް ކަމަށެވެ. އަދި ދެވަނަ މީހާއަކީ ކުޑަކަމު ދިއުމުގައި ފަރުވާ ކުޑަކޮށް އޭނާގެ ގުނަވަން އެހެން މީހުންނަށް ފެންނަ ގޮތަށް އަމަލުކުރި މީހެކެވެ."
ބައެއް ރިވާޔަތްތަކުގައިވާގޮތުން އެމިހާއަކީ ކުޑަކަމު ދިއުމަށްފަހު ރަނގަޅަށް ނުދޮންނަ މީހެކެވެ. އަދި އެފަދަ ހާލަތުގައި ނަމާދުވެސް ކޮށް އުޅުނު މީހެކެވެ.
ކޮންމެއަކަސް މިފަދަ ކަންކަމަކީ މީސްތަކުންގެ މެދުގައި މިހާރު މާބޮޑުކަމަކަށް ނުވެއެވެ. މީސްތަކުންނާއިމެދު ދޮގު ވާހަކަތައް ފަތުރައި ފިތުނަ އުފެއްދުން މިވަނީ ވަރަށް އާދައިގެ ކަމަކަށްވެފައެވެ. ޢާންމު ކަމަކަށް ވެފައެވެ. އެހެން ނަމަވެސް އެއީ މާތްﷲގެ ޙަޟްރަތުގައި ވަރަށް ބޮޑެތި ފާފަތަކެވެ. ކައްވަޅުގައި ގަދަފަދަ އަޒާބުވެސް ލިބޭ ކަންކަމެވެ. (ބިލާލް އައްސަދުގެ ދަރުސަކުން)
ކަންކަން ހުރީ މިމަގުން ނަމަވެސް ސިޔާސީ ގޮތުން ފިކުރު ތަފާތުވުން ފަދަ ދުނިޔަވީ ކަންކަމުގައި ތިމާއަށް ލިބިދާނެ ވަގުތީ ފައިދާއަކަށް ދަހިވެތިވެގެން މީސްތަކުންނާއިމެދު ދޮގު މައުލޫމާތު ޢާންމުކުރުން މިއަދު މިވަނީ ވަރަށް ޢާންމު ކަމަކަށް ވެފައެވެ. އެއީ އެއްވެސް މީހަކު ކުރަން ޖެހިލުން ނުވާ ކަމަކަށް މިވަނީ ވެފައެވެ.
ކުރާ ޓްވީޓެއްފަދަ މެސެޖެއްގައި ނަމަވެސް ކޮފީ މޭޒެއްގެ ކަރީގައި ތިބެގެން ނަމަވެސް ސިޔާސީ ޕޯޑިއަމެއްގައި ނަމަވެސް އަދި ސިޔާސީ ޕާޓީއަކުން ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ނަމަވެސް ފާފައެއް ކުރުމުން ވާނީ ހަމަ ފާފައަކަށެވެ. އެކަމަށް ޙައްޤު އަދަބު އެމީހަކަށް ނުލިބިއެއް ނުދާނެއެވެ.