ދުޢާ އިޖާބަވުން ލަސްވެގެން ނޫޅެބަލަ - އެންމެ މޮޅު ވަގުތު ދެނެވޮޑިގެންވަނީ މާތް ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ދުޢާ އިޖާބަވުން ލަސްވެގެން ނޫޅެބަލަ - އެންމެ މޮޅު ވަގުތު ދެނެވޮޑިގެންވަނީ މާތް ﷲ!
''ހަރެން މިހާރު އިސްލާމް ދީން މަތިން ފޫހިވެއްޖެއެވެ. އަހަރެން ހާދަ ގިނަ ދުޢާއެއް ކޮށްފީމެވެ. ނަމަވެސް އަހަރެންގެ ދުއާ އަދިވެސް އިޖާބައެއް ނުކުރައްވަވައެވެ. ބަލި ހާލު މިދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ." މިއީ ކެންސަރުބަލީގައި އެނދުމަތީގައި އޮތް މީހަކު ބުނި ވާހަކައެކެވެ.

ހަޤީޤަތުގައި އޭނާ އެވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ގައިގައި އަޅާ ވޭންތަކުގެ ސަބަބުން މާޔޫސްކަން އިތުރުވަނީއެވެ. ބުނަން ހަޤީޤަތުގައި ބޭނުން ނުވާ ބަސްތައްވެސް ބުނެވެނީއެވެ. އޭނާގެ ހަޤީޤީ ނިޔަތަކީ ތަފާތު ނިޔަތަކަށްވެސް ވެދާނެއެވެ.

މިފަދަ ހާލަތުގައި ވިސްނައިލުން ރަނގަޅު ކަންތައްތަކެއް އެބަހުއްޓެވެ. ކިތަންމެ ކުޑަ ބައްޔެއްގައި ވެސް މަރުވެދާނެއެވެ. އެއްވެސް ބައްޔެއް ނުވެވެސް މަރުވެދާނެއެވެ. ކިތަންމެ ބޮޑު ބައްޔެއްގައި ވަރަށް ގިނަ ދުވަހު އުޅެންޖެހޭ ފަހުން ވެސް މަރުވެދާނެއެވެ. ޔަޤީންކުރަންވީ މަރުވާނެ ކަމެވެ.

ހަމަ އެއާއިއެކުވެސް ޔަޤީންކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ބަލީގެ ސަބަބުން ޑޮކްޓަރީ އުޞޫލުތަކުން ބެލުމަށްފަހު ދެން ގަދަ ނުވާނެ ކަމަށް ޑޮކްޓަރުން ކަނޑައަޅައި އެކުގައި އުންމީދު ކަނޑާލާފައި ތިބޭ އެތައް ބައަކު އެބަ ގަދަވެއެވެ. ބަލިފަސޭހަވެއެވެ.

މިކަމުން އެނގެނީ މީހާއަށް ޖެހޭ ބައްޔާއި މަރުވުމަކީ މުޅިން ތަފާތު ދެކަމެއް ކަމެވެ. ބަލި ޖައްސަވަނީ ފުރާނައިގެ މިލްކްވެރި ﷲ އެވެ. އެއްވެސް ބައްޔަކަށް ފުރާނައިގެ މައްޗަށް އެއްވެސް ބާރެއް ނުވެސް ހިންގޭނެއެވެ. ޑޮކްޓަރުން އުންމީދު ކަނޑާލާފައި ތިބޭ މީހުންގެ ބަލި ފަސޭހަވަނީ އެހެންވެގެންނެވެ.

ބަލި މީހުންގެ އިތުރުން ދުނިޔަވީ ކަންކަމަށް އެދި ދުޢާކުރާ މީހުންވެސް މިކަންކަމަށް ވިސްނައިލުން ރަނގަޅުވާނެއެވެ. ޙާލަތު ބަދަލުކޮށް ދެއްވަވާނީ ހަމަ ޙާލަތު ކުރިމަތިކުރެއްވެވި މާތް ﷲ ކަން ޔަޤީންކުރަން ޖެހެއެވެ.

އަޅުގަނޑުމެންނަށް ކަމެއް ދިމާވުމުން އެކަމެއް ހައްލުކޮށް ދެއްވެވުން އެދި މާތް ﷲ އަށް ދުޢާކުރަން އަވަސްވެގަންނަމުއެވެ. ހަމައެއާއިއެކު ދުޢާ އިޖާބަވުން ލަސްވުމުން ކަންބޮޑުވަމުއެވެ.

ޔަޤީން ކުރާށެވެ! ކޮންމެ ކަމަކަށްވެސް އެންމެ ރަނގަޅު ވަގުތު ދެނެވޮޑިގެންވަނީ ހަމަ މާތް ﷲ ކަން ޔަޤީންކޮށްގެން ހުންނަ މީހާ މާޔޫސް އެއް ނުވާނެއެވެ.


މިއަދު އޮންލައިން