އިޓަލީ ލީގުގައި ލާޒިއޯއާއި ޔުވެންޓަސް ބައްދަލުކުރި މެޗުން ޔުވެންޓަސް މޮޅުވެ، އޭއެސް ރޯމާ އަތުން ނަޕޯލީ ބަލިވުމުން، ޔުވެންޓަސްއަށް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.
ލާޒިއޯއާއި ޔުވެންޓަސް ބައްދަލުކުރި މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗު ނިމެންދަނިކޮށް ޔުވެންޓަސްއަަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑައިބަލާއެވެ.
ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅެ ރޯމާ އަތުން އެ ޓީމު ބަލިވެފައިވަނީ 2-4 ގެ ނަތީޖާއިންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި ނަޕޯލީގެ ލޮރެންޒޯ އިންސިގްނޭގެ ލަނޑުން ލީޑު ނެގި ނަމަވެސް އޭގެ މިނެޓެއް ފަހުން ރޯމާގެ ސެންގިޒް އަންޑާގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މި މެޗުގައި ފުރަތަމަ ފަހަރަށް ރޯމާއަށް ލީޑު ނަގައިދިނީ މެޗުގެ 26 ވަނަ މިނެޓުގައި އެޑިން ޑްޒެކޯއެވެ. ޑްޒެކޯ ވަނީ މެޗުގެ 73 ވަނަ މިނެޓުގައި ވެސް ލަނޑެއް ކާމިޔާބުކޮށްފައެވެ. ރޯމާގެ ހަަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 79 ވަނަ މިނެޓުގައި ޑިއޭގޯ ޕެރޮއްޓީއެވެ. ނަޕޯލީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެންދަނިކޮށް ޑްރައިސް މާޓެންސްއެވެ.
ރޭގެ މެޗުން ނަޕޯލީ ބަލިވި ނަމަވެސް 27 މެޗު ކުޅެގެން 69 ޕޮއިންޓް ލިބިގެން އެއްވަނައިގައި އޮތީ ނަޕޯލީއެވެ. ލީގުގެ ދެވަނައިގައި ޔުވެންޓަސް އޮތީ ނަޕޯލީއަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ދެވަނައިގައި އޮތް ޔުވެންޓަސްއަށް ލިބިފައިވަނީ 26 މެޗުން 68 ޕޮއިންޓެވެ.
އިޓަލީ ލީގުގައި މިދިޔަ ހަފުތާއަށް ތާވަލުކޮށްފައިވާ ޔުވެންޓަސްއާއި އެޓަލާންޓާ ބައްދަލުކުރާ މެޗު ވަނީ މެޗު ނުކުޅެވޭވަރަށް ސްނޯ ފޭބުމާ ގުޅިގެން ފަސްކޮށްފައެވެ. މި މެޗު ދެން ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހަށެވެ. އޭގެ ކުރިން ލީގުގައި އުޑިނީސްއާ ދެކޮޅަށް ޔުވެންޓަސް ނުކުންނާނެވެ. ލީގުގައި ނަޕޯލީ ދެން ނުކުންނާނީ ވާދަވެރި އިންޓަ މިލާނާ ދެކޮޅަށެވެ.