މެސީގެ 600 ވަނަ ލަނޑާއެކު ބާސެލޯނާ ލީގު ހޯދުމާ ގާތަށް

ކިޔުމަށް ހޭދަވާނީ 1މ 33ސ
މެސީގެ 600 ވަނަ ލަނޑާއެކު ބާސެލޯނާ ލީގު ހޯދުމާ ގާތަށް
އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އޭނާގެ ފުޓުބޯޅަ ކަރިއަރުގައި ކާމިޔާބުކުރި 600 ވަނަ ލަނޑުން ވާދަވެރި އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ ސްޕެނިޝް ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ސްޕެނިޝް ލީގުގައި އެތްލެޓިކޯއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ބާސާއަށް މެސީ ކާމިޔާބުކޮށްދިނީ މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ މެސީގެ ކަރިއަރުގައި އޭނާ ކާމިޔާބުކުރި 600 ވަނަ ލަނޑެވެ. މެސީ ވަނީ މިހާތަނަށް އޭނާގެ ކަރިއަރުގައި ބާސެލޯނާއަށް 539 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އާޖެންޓީނާގެ ޤައުމީ ޓީމަށް 61 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ބާސެލޯނާގެ ކެޕްޓަން އަދި ތަޖުރިބާކާރު މިޑްފިލްޑަރު އަންދްރެސް އިނިއެސްޓާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބާލައިފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި އިނިއެސްޓާގެ ބަދަލުގައި ކުޅެން އަރުވާފައިވަނީ އަންދްރޭ ގޮމޭސްއެވެ. އިނިއެސްޓާއަށް މި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ދެން އޭނާއަށް ކުޅެވޭނެކަމަށް ބެލެވެނީ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެތްލެޓިކޯއިން ވަނީ ކުޅުން ރަނގަޅުކޮށް ބާސެލޯނާގެ ޑިފެންސަށް ޕްރެސާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި އެތްލެޓިކޯއިން ވަނީ ލަނޑެއް ޖަހައިފައެވެ. އެެހެން ނަމަވެސް، އެތްލެޓިކޯގެ ކެވިން ގަމެއިރޯ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އޮފްސައިޑްގައި ހުރި ޑިއޭގޯ ކޯސްޓާ ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. އެހެންވެ، މެޗުގެ ރެފްރީ ވަނީ އެއީ ލަނޑެއް ނޫންކަމަށް ނިންމައިފައެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު، ބާސެލޯނާއިން ވަނީ ލީގުގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ހޯދައިފައެވެ. ކުޅުނު 27 މެޗުން ބާސެލޯނާއަށް ލިބިފައިވަނީ 69 ޕޮއިންޓެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 27 މެޗުން 54 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ.

މިއަދު އޮންލައިން