ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިދިޔަ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށްފަހު، ހައްޔަރުކުރި މީހުންގެ އަދަދު ފުލުހުންދަނީ އޮޅުވާލަމުން ކަމަށް ބުނެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިކަމާއި ގުޅިގެން އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި އެކިއެކި އިހުތިޖާޖުތަކުން ޖުމްލަ 48 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން 47 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ބުނެ ފުލުހުން ކޮށްފައިވާ ޓްވީޓަކީ ހަގީގަތް ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކޮށްފައިވާ ޓްވީޓެއް ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދަކީ 110 ކަމަށާއި އޭގެ ތެރެއިން އެހާލަތުގެ ދަށުން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 36 އަށް އަރާފަ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ 36 މީހުން މިހާރުވެސް ތިބީ ބަންދުކޮށް ރަހީނުކޮށްފަ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 34 މީހަކު ދޫނިދޫގައި ބަންދުކޮށްފައި އެބަތިބި ކަމަށާއި ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާއިރު، ގޭބަންދުގައި ވެސް އެކަކު އެބަހުރި ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.
"ފުލުހުންގެ އެކިއެކި ލިޔެކިޔުންތަކުގައި އެމުއައްސަސާގެ ބެލުމުގެ ދަށުގައިވާ މީސްމީހުންނާ ގުޅޭ ގޮތުން އާންމުކުރާ މައުލޫމާތު ރައްޔިތުންނަށް އޮޅޭ ގޮތަށް ހާމަ ކުރަމުންދާކަމީ މިޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް، އެފަދަ ކަންކަން އެމޭރުމުން ނުކުރުމަށް ރައީސް ޔާމީނަށާއި ފުލުހުންގެ މުއައްސަސާއަށް ގޮވާލަން" އެމްޑީޕީއިން ބުނެފައިވެއެވެ.