ފަހަތުން އަރާ ކްރިސްޓަލް ބަލިކޮށް ޔުނައިޓެޑް ލީގުގެ ދެވަނައަށް
އިނގިރޭސި ޕްރެމިއާ ލީގުގައި ފަހަތުން އަރާ 2-3 ގެ ނަތީޖާއިން ކްރިސްޓަލް ޕެލަސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ދެވަނައަށް ޖެހިލައިފިއެވެ.
ކްރިސްޓަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ކްރިސްޓަލްއެވެ. ކްރިސްޓަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައި އަންޑްރޮސް ޓައުންސެންޑްއެވެ. މެޗުގެ 48 ވަނަ މިނެޓުގައި ކްރިސްޓަލްއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ ޕެޓްރިކް ވޭން އާންހޯލްޓްއެވެ.
ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖަހައި ޔުނައިޓެޑަށް ލީޑު ހަނިކޮށްދިނީ މެޗުގެ 55 ވަނަ މިނެޓުގައި ޑިފެންޑަރު ކްރިސް ސްމޯލިންއެވެ. މެޗުގެ 76 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫ ލަނޑެއް ޖަހައި ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. މި މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެން ދަނިކޮށް ނެމަންޖާ މަޓިޗްއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު، ޔުނައިޓެޑް ލީގުގެ ދެވަނައިގައި އޮތީ ކުޅުނު 29 މެޗުން 62 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 29 މެޗުން 60 ޕޮއިންޓް ލިބިގެން ތިންވަނައިގައި ލިވަޕޫލް އޮތްއިރު، ހަތަރުވަނައިގައި ޓޮޓެންހަމް އޮތީ 29 މެޗުން 58 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 29 މެޗުން 78 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީއެވެ.
އިނގިރޭސި ލީގުގައި ޔުނައިޓެޑް ދެން ނުކުންނާނީ ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ.