ނުބައި ނުލަފާ މީހުން ދެކެ ބިރުގަނެ އަޅުވެތިވުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ނުބައި ނުލަފާ މީހުން ދެކެ ބިރުގަނެ އަޅުވެތިވުމަކީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް: މުފްތީ މެންކް
ޒަމާނެއް އަންނާނެއެވެ. އެޒަމާނުގައި އުޅޭ ނުބައި ނުލަފާ މީހުން ދެކެ މީސްތަކުން އިންތިހާއަށް ބިރުގަންނާނެއެވެ. އެފަދަ މީހުން ފެނުމުން ކުރުނީސްކުރާނެއެވެ. ގާތް މީހަކަށް ހެދިގެން ވާހަކަ ދައްކާނެއެވެ. ގެއަށްދާން ދައުވަތުވެސް ދޭނެއެވެ.

އެކަންކަން މީސްތަކުން ކުރަނީ އެއްވެސް ޙާލެއްގައި އެމީހަކު ދެކެ ލޯބިވާތީއެއް ނޫނެވެ. އަދި ކިއެއްތަ ހިތުގައި އިންތިހާއަށް ނަފުރަތުކަން ބާއްވައިގެން ހުރެއެވެެ. އެކަން އޭނާއަށް އަންގައިފިނަމަ ކޮށްފާނެ އަނިޔާއަކަށް ބިރުންނެވެ.

މިހާލަތު ޢާންމުވާ ޒަމާނެއް އަންނާނެއެވެ. އެފަދަ ޒަމާނެއް އަތުވެއްޖެނަމަ އެކަމުން އެނގިގެންދަނީ ޤިޔާމަތް ކައިރިވެ އަތްފޯރާ ފަށަށް ގާތްވެއްޖެ ކަމެވެ.

ފިރުއައުނުގެ ޒަމާނުގައިވެސް ކަންކަން ހިނގީ ހަމައެގޮތަށެވެ. އޭނާ ތިމަންނައަކީ ކަލާނގެ ކަމަށް ބުނަމުންދިއައިރު އޭނާއަކީ ކަލެއް ނޫން ކަމާއި އެހެން މީހުން ފަދައިން ކައި ފާޚާނާކޮށް އަދި އެހެން ބޭނުންތައްވެސް ފުއްދައިގެން އުޅޭ މީހެއްކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އެއްވެސް މީހަކަށް އޭނާ އާއި ދެކޮޅަށް ބަހެއް ބުނަން ނުކެރެނީ އޭނާގެ ކިބައިން ކުރިމަތިކުރާނެ އަނިޔާތަކަށް ބިރުންނެވެ.

އެޒަމާނުގައި އެއީ ފިރުއައުނަށް ޚާއްޞަ ކަމަކަށްވެދާނެއެވެ. ނަމަވެސް މިއަދުގެ ހާލަތަށް ވިސްނައިލުމުން މި ހާލަތު ޢާންމުވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެންދެއެވެ. އެކަމުން އެނގެނީ ޤިޔާމަތް ދާދި ކައިރިވެއްޖެކަމެވެ.

ބިރުވެތިވާށެވެ. ހިތާއި ދެކޮޅަށް ވާހަކަ ދެއްކުމަކީ މުނާފިޤުންގެ ސިފައެކެވެ. އެހެންކަމުން އަނިޔާވެރިންނަށް ތައުރީފް ކުރުމާއި ދުރުހެލިވާށެވެ. ޙައްޤު ބަސް ބުނަން ކެރޭށެވެ. ޙައްޤު ބަސް ބުނެވެން ނެތްނަމަ އެފަދަ މީހުންނާއި ކައިރިނުވާށެވެ. އެފަދަ މީހުންނާއި ދުރުހެލިވާށެވެ. މުނާފިޤުން ވާހުށީ ނަރަކައިގެ އެންމެ އަޑީގައި އެންމެ ގަދަފަދަ އަޒާބުލިބޭ މީހުންގެ ގޮތުގައިކަން ޔަޤީންކުރާށެވެ.

-މުފްތީ މެންކްގެ ދަރުސަކުން-
މިއަދު އޮންލައިން