އިންސާނުން މަގުފުރެދި ކުށްތައް ކުރެވެނީ ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލެވޭތީއެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލެވެނީ އަޤީދާ ބަލިކަށިވުމުންނެވެ. އެހެންކަމުން ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްވުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ތިމާގެ ޢަޤީދާ ވަރުގަދަ ކުރުމެވެ.
އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް:
1- މާތް ﷲ ގެ ޙަޟްރަތުން ވާގިއެދޭށެވެ. މާތް ﷲ އަށް ދުޢާކުރުން ގިނަކުރާށެވެ. ވީހައި ގިނައިން ޛިކުރުކުރުމާއިއެކުގައެވެ.
2- ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް ފުރިހަމައަށް އަމަލުކުރާށެވެ. އަޅުކަމުގައާއި ޢާންމު ދިރިއުޅުމުގައެވެ. ކުރާ ކޮންމެ އަމަލެއްގައިވެސްމެއެވެ.
3- އިސްލާމް ދީނަށް ލޯބިކުރާ މީހުންނާއި ގުޅުންބަދަހިކުރުން އިތުރުކުރާށެވެ. ހަރުދަނާ މީހުންނާއި ނޫނީ ގުޅުން ބަދަހި ނުކުރާށެވެ. އެކުވެރިންނަކީ ދީނީ ޢިލްމުވެރިން ކަމުގައި ހަދާށެވެ. އަބަދުވެސް ހެޔޮ ނަޞޭޙަތް ލިބިލި ހުންނަ މީހަކަށްވާށެވެ.
4- ދިރިއުޅެން ކުރާ މަސައްކަތަކީ ހަރުދަނާ މަސައްކަތަކަށް ހަދާށެވެ. ބޭކާރު ގޮތުގައި ވަގުތުތައް ހޭދަ ނުކުރާށެވެ. މަސައްކަތުގައި އުޅޭއިރުވެސް ސިކުނޑިން މާތް ﷲ ފިލުވައި ނުލާށެވެ.
5- ތިމާއަށް މާތް ﷲ މިންވަރުފުޅު ކުރައްވަވާ ނިއުމަތްތަކަށް ޝުކުރުވެރިވާށެވެ. ދެއްވެވި މިންވަރަށް އީމާންވާށެވެ. ޙައްޤު ނޫން ގޮތުގައި އެއްވެސް ކަމެއް ނުވަތަ އެއްޗެއް ލިބިގަންނަން މަސައްކަތްނުކުރާށެވެ. އެފަދަ ކަމަކަށް ނުވެސް ވިސްނާށެވެ.
6- ޝައިޠާނާ ވަސްވާސް ދޭން މަސައްކަތްކުރާނަމަ އަވަހަށް އެ ވަސްވާސްތަކާއި ދުރުހެލިވާށެވެ. އެއްވެސް ސަމާލުކަމެއް ވެސް ނުދޭށެވެ. ތިމާކުރާ ކޮންމެ ކަމެއް މާތް ﷲ ދެކެދެނެވޮޑިގެންވާނެކަން އެންމެ ވަގުތަކުވެސް ހިތުން ފިލުވައިނުލާށެވެ.