ޕީއެސްޖީ ކަޓުވާލައި ރިއާލް ޗެމްޕިއަންސް ލީގު ކުއާޓާއަށް

ކިޔުމަށް ހޭދަވާނީ 3މ
ޕީއެސްޖީ ކަޓުވާލައި ރިއާލް ޗެމްޕިއަންސް ލީގު ކުއާޓާއަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ފްރާންސްގެ ވަރުގަދަ ބާރު ޕީއެސްޖީ ބަލިކޮށް ރިއާލް މެޑްރިޑް މުބާރާތުުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މެޗުން ރިއާލް މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 1-3 ގެ ނަތީޖާއިން ރިއާލް މޮޅުވެގެންނެވެ. އެހެންވުމުން، މުބާރާތުގެ ކުއާޓާއަށް ރިއާލް ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 2-5 އުން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދިޔައީ ޕީއެސްޖީއިންނެވެ. އެހެން ނަމަވެސް، ކައުންޓާ އެޓޭކްތަކުގައި ރިއާލްއިން ދިޔައީ ޕީއެސްޖީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން، ރިއާލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ކެޕްޓަން ސާޖިއޯ ރާމޮސްއާއި ކަރިމް ބެންޒީމާ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެ.

މީގެ ތެރެއިން ރާމޮސްއާއި ބެންޒީމާ ފޮނުވާލި ހަމަލާތަކުގައި ހުރަހަކަށްވެގެންދިޔައީ ޕީއެސްޖީގެ ގޯލްކީޕަރު އަލްފޮންސޭ އަރައޯލާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީގެ އެންހަލް ޑިމާރިއާއާއި ކިލިއަން އެމްބާޕޭ ވަނީ ރިއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ކޮށްފައެވެ. އެހެން ނަމަވެސް، ރިއާލްގެ ގޯލްކީޕަރު ކޭލާ ނަވާސް ވަނީ ހުޝިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ރިއާލްއިން ވަނީ ލިބުުނު ކައުންޓާ އެޓޭކްތަކުގައި ޕީއެސްޖީގެ ގޯލަށް ނުރައްކާކޮށްފައެވެ. އެ ގޮތުން، މެޗުގެ 51 ވަނަ މިނެޓުގައި ރިއާލްގެ ތަރި ރޮނާލްޑޯ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ ރިއާލްގެ މާކޯ އަސެންސިއޯގެ މޮޅު ކުޅުމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ލުކާސް ވަސްކުއޭޒް ނެގި ހުރަހަކުން ބޮލުން ޖަހައި ޕީއެސްޖީގެ ގޯލްގެ ތެރެއަށް ވައްދައިގެންނެވެ.

އެއަށްފަހު، ޕީއެސްޖީގެ ކުޅުމަށް އިތުރު ބުރޫއެއް އެރީ މެޗުގެ 66 ވަނަ މިނެޓުގައި ޕީއެސްޖީގެ މުހިންމު މިޑްފިލްޑަރު މާކޯ ވެރާޓީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި ހިސާބުންނެވެ. އެހެން ނަމަވެސް، މެޗުގެ 71 ވަނަ މިނެޓުގައި ޕީއެސްޖީގެ އެޑިސަން ކަވާނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި މެޗުން ރިއާލް މޮޅުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 80 ވަނަ މިނެޓުގައި ކަސެމީރޯއެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ޕީއެސްޖީގެ އުންމީދީ ކުޅުންތެރިޔާ އަދި ބްރެޒިލްގެ ތަރި ނޭމާއަށް ނުކުޅެވުނެވެ. ނޭމާއަށް އަނިޔާވެފައިވަނީ ފްރާންސް ލީގުގައި މާސެލްއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައެވެ. މި މެޗުގައި ނޭމާ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އޭނާގެ ފައިތިލައިގެ ކަށިކޮޅެއްގައި ރެނދެއްލާފައިވެއެވެ. މި އަނިޔާގެ ސަބަބުން ނޭމާއަށް މަދުވެގެން ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެއެވެ.
ޕީއެސްޖީގެ ތާރީޚުގައި މިހާތަނަށް ޗެމްޕިއަންސް ލީގު މުބާރާތެއްގެ ކުއާޓާއަށްވުރެ ދަތުރުކޮށްފައި ނުވުމުން، މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ޕީއެސްޖީން މި ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އަމާޒުހިފި ނަމަވެސް ރޭ ކުޅުނު މެޗުން ބަލިވެ ޕީއެސްޖީގެ ހުވަފެން މި ސީޒަނަށް ނިމުމަކަށް އައީއެވެ.

ޗެމްޕިއަންސް ލީގު މުބާރާތުގައި ދެވަނަ ބުރުގައި ރޭ ލިވަޕޫލާއި ޕޯޓޯ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 0-5 ގެ ނަތީޖާއިން ލިވަޕޫލް ކާމިޔާބުކޮށްފައިވުމުން މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ ލިވަޕޫލްއެވެ.

މިއަދު އޮންލައިން