"ކައު އިތރުު ރަސޫލާ މުޙައްމަދު (ޞޢވ) އެއްދުވަހަކު ހަދީޘް ފުޅު ކުރެއްވެވިއެވެ. ބަލިމީހެއްގެ ގާތަށް މިއަދު ޒިޔާރަތްކުރީ ކާކުހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވީ ޒިޔާރަތް ކުރެއްވެވި ކަމަށެވެ. ޖަނާޒާއެއްގައި މިއަދު ބައިވެރިވީ ކާކުހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވީ
ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މިސްކީނަކަށް މިއަދު ކާންދިނީ ކާކުހެއްޔެ؟ އަބޫބަކުރުގެފާނު ވިދާޅުވީ ކާން ދެއްވި ކަމަށެވެ. މިއަދު ރޯދަ ހިފީ ކާކުހެއްޔެވެ؟ އަބޫބަކުރުގެފާނު ވިދާޅުވީ ރޯދަ ހިއްޕެވި ކަމަށެވެ. އެހެން ހުރިހާ ޞަހާބީން މަޑުން ތިއްބެވީއެވެ. ބައެއް ކަންކަން ކުރެއްވެވި ކަމަށް ބައެއް ޞަހާބީން ވިދާޅުވިއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްވެވީ މިކަންކަން (ހުރިހާ) ކުރިމީހާ ސުވަރުގެ ވަންނާނެ ކަމަށެވެ.
ލޮބުވެތި އަޚުންނޭވެ. މުސްލިމަކު އުފާކޮށްދިނުމަކީ، މުސްލިމަކަށް އެހީތެރިވެދިނުމަކީ އެމީހަކަށް ސުވަރުގެ ލިބޭނެކަން ޔަޤީން ކުރެވިދާނެކަމެއްކަން މިޙަދީޘްފުޅުން އެބަ އެނގެއެވެ. މިއީ ކުރެވިދާނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް މުސްލިމަކަށް އެހީތެރިވެދޭށެވެ. މުސްލިމަކަށް ހިނިތުންވުން ގެނުވައިދޭށެވެ. އެމީހަކަށް މާތްﷲ ސުވަރުގެ ދެއްވަވާނެ ކަމުގެ އުންމީދުގައެވެ.
ލޮބުވެތިއަޚުންނޭވެ. ސީރިޔާ އާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ވަރަށް ނިކަމެތި ހާލުގައި އެތައް މިލިއަން މީހުން ދަނީ ދިރިއުޅެމުންނެވެ. އެއިން މީހަކަށް އެހީތެރިވެދޭށެވެ. އެކަމުގެ މަގު މިއަދު ވަނީ ފަހިވެފައެވެ. އަހަރެން ބޮސްނިއާގެ މުސްލިމަކަށް އެހީވީމެވެ. އެއިގެ ބަދަލުގައި މާތް ﷲ އަހަރެންނަށް ވަރަށް ގިނަ ނިއުމަތްތައް މިންވަރުފުޅު ކުރެއްވެވިއެވެ.
ހިތްދަތި ހާލުގައި އަހަރެމެންގެވަށައިގެން އެތައް ޙާސް އަޚުންނާއި އުޚުތުން އެބަތިއްބެވެ. އެއިން މީހަކަށް އެހީތެރިވެދޭށެވެ.
"ތިމަން ކަލޭގެފާނުގެ މިސްކިތްކޮޅުގައި އިނދެ މީހަކު އެއް މަސް ދުވަހު ރޯދަހިފައި ރޭގަނޑު ހަތަރުދަމު ރޭ އަޅުކަންކުރުމަށްވުރެ ތިމަން ރަސޫލާގެ ކުރިފުޅުމަތީގައި ޙާލުގައި ޖެހިފައިވާ މުސްލިމް އަޚަކަށް އެހީތެރިވުމުގެ މުހިންމުކަން މާބޮޑު" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ޙާލުގައި ޖެހިފައި ތިބި، ދަތި ޙާލުގައި ދިރިއުޅޭ އަޚުންނާއި އުޚުޠުންނަށް އެހީތެރިވެދީ ބޭނުންތައް ފުއްދައިިދިނުމުގެ މަތިވެރިކަން މިވަރުން ނުއެނގޭހެއްޔެވެ؟
ޢުމުރާއެއްގައި މަސްޖިދުއް ނަބަވީގައި ހޭދަކުރެވެނީ 5 ވަރަކަށް ދުވަހެވެ. މިދައްކަނީ މަސްޖިދުއްނަބަވީގައި އިނދެ މަސް ދުވަހު ރޯދަ ހިފައި ރޭ އަޅުކަން ކުރުމަށްވުރެ މަތިވެރި އަދި މާފަސޭހައިން ކުރެވެން އޮތް ކަމެއްގެ ވާހަކައެވެ.
ލަވް އިސްލާމްގެ ދަރުސަކުން