ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ޔުވެންޓަސް ކުއާޓާއަށް

ކިޔުމަށް ހޭދަވާނީ 2މ 10ސ
ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް ޔުވެންޓަސް ކުއާޓާއަށް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔުވެންޓަސްއާއި ޓޮޓެންހަމް ބައްދަލުކުރި ދެވަނަ ލެގުގައި ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.
ޓޮޓެންހަމްގެ ވެމްބްލީ ސްޓޭޑިއަމްްގައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެެވެ. އެހެންވުމުން މުބާރާތުގެ ކުއާޓާއަށް ޔުވެންޓަސް ދަތުރުކުރީ އެގްރިގޭޓް ނަތީޖާއިން 3-4 އުން ކުރި ހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ޓޮޓެންހަމްގެ ފަރާތުން ޔުވެންޓަސްގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. އެ ގޮތުން، ޓޮޓެންހަމްގެ ޑެލޭ އަލީއާއި، ހެރީ ކޭންއާއި، ކްރިސްޓިއަން އެރިކްސަންއާއި، ސަން ހިޔުން މިންގެ ފަރާތުން ފެނުނު ހަމަލާތައް ފާހަގަކޮށްލެވެއެެވެ. ޓޮޓެންހަމުން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ބުފޮންނެވެ. އެހެން ނަމަވެސް، ޓޮޓެންހަމުން ފުލުފުލުން ކުރި ހަމަލާތަކުގެ ނަތީޖާއިން މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ޓޮޓެންހަމުންނެވެ. ޓޮޓެންހަމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 39 ވަނަ މިނެޓުގައި ސަން ހިޔުން މިންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ސަންގެ ލަނޑުން ޓޮޓެންހަމް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ޓޮޓެންހަމުން ދިޔައީ ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެން ނަމަވެސް، މެޗުގެ 64 ވަނަ މިނެޓުގައި ޔުވެންޓަސްގެ މިޑްފިލްޑަރު ސެމީ ކެޑީރާ ތަނަވަސްކޮށްދިން ފުރުސަތަކުން ގޮންޒާލޯ ހިގުއައިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓު ފަހުން ޔުވެންޓަސްއިން އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އަނބުރާލިއެވެ. ޔުވެންޓަސްއަށް މެޗުން މޮޅުކޮށްދިން މި ލަނޑު ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބަލާއެވެ.

ޔުވެންޓަސްގެ އިތުރުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް މިހާތަނަށް ކަށަވަރުކޮށްފައިވަނީ ލިވަޕޫލް، މެންޗެސްޓާ ސިޓީ، އަދި ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑްއެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ދެން ހުރި މެޗުތަކަކީ، ރޯމާއާއި ޝަކްތަރު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު، މެންޗެސްޓާ ޔުނައިޓެޑާއި ސެވިއްޔާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު، ބެސިކްޓަސްއާއި ބަޔާން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު، އަދި ބާސެލޯނާއާއި ޗެލްސީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗެވެ.
މިއަދު އޮންލައިން