ބްރިޖްގެ ސްޓީލް ބޮކްސް ގާޑާތައް މާލެ ގެނެސްފި

ކިޔުމަށް ހޭދަވާނީ 1މ 46ސ
ބްރިޖްގެ ސްޓީލް ބޮކްސް ގާޑާތައް މާލެ ގެނެސްފި
މާލެއާއި ހުޅުލެ ގުޅުވާލުމަށް ދިވެހި ސަރުކާރުން ތަރައްޤީކުރާ ބްރިޖް، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ސްޕަ ސްޓްރަކްޗާއަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާތައް، ޗައިނާއިން ބަރުކޮށްގެން ދަގަނޑު ބޯޓެއްގައި މިއަދު މާލެއަށް ގެނެސްފިއެވެ.

ސްޓީލް ބޮކްސް ގާޑާތައް ބަރުކޮށްގެން މާލެ އައިސްފައިވާ ބޯޓުގެ ފޮޓޯތައް ހިއްސާކުރައްވަމުން ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވަނީ ޓްވީޓެއް ކުރައްވައިފައެވެ. މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބްރިޖުގެ ސްޕަ ސްޓްރަކްޗާގެ މަސައްކަތަށް ބޭނުންވާ ސްޓީލް ބޮކްސް ގާޑާތައް މާލެ އައިސްފައިވާކަމަށާއި ބޮކްސް ގާޑާތައް އިންސްޓޯލްކޮށް ބްރިޖުގެ ސްޕަ ސްޓްރަކްޗާގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ ނުވަވަނަ ދުވަހަށް ނިމޭނެކަމަށެވެ. އެ ހިސާބުން މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް ގުޅާލުމުގެ މަސައްކަތް އެއްކޮށް ނިންމޭނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް ނިމުމުން ދެން އޮންނާނީ ބްރިޖުގައި ތާރު އެޅުމާއި ލައިޓްތައް ހަރުކުރުން ފަދަ މަސައްކަތްތަކެވެ. ސަރުކާރުން ބުނި ގޮތުގައި، މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ފެށުމުގެ ކުރިން ބްރިޖްގެ ޢަމަލީ މަސައްކަތް ނިމި ބްރިޖް މަތިން މީހުންތަކަށް ދަތުރުކުރެވެން ފެށޭނެކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.




މިއަދު އޮންލައިން