މި މަޝްރޫއު އެމްޕީއެލްއާ ހަވާލުކުރި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޢަބްދުލްރައްޒާޤު ހަލީމެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުގެ ކުދިކުދި ގޯޅިތަކުގައި ވަރަށް ގިނަ ގުދަންތަކާއި، ވޯކްޝޮޕްތަކާއި، ގަރާޖުތައް ހަދާފައި އެބަހުރިކަމަށާއި އެ ތަންތަނަށް ބޮޑެތި އުޅަނދުތައް އަބަދުއަބަދު ދަތުރުކުރާތީ އާންމު ރައްޔިތުންނަށް ގިނަ އުނދަގޫތައް ދިމާވާކަމަށެވެ. އެމްޕީއެލާ ހަވާލުކުރި މަޝްރޫއުގެ ދަށުން ގަރާޖުތަކާއި ވޯކްޝޮޕްތަކާއި ގުދަންތަކުގެ ގޮތުގައި ފަސް އިމާރާތެއް އަޅާނެކަމަށާއި އުޅަނދުތައް ޕާކްކުރުމަށް އެއް ޕާކިން އިމާރާތެއް އެޅިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ މި ފަދަ ތަންތަނަކީ ތޮއްޖެހިފައިވާ ރަށެއްގައި ހުރެގެން ވާނެ ތަންތަން ނޫންކަމަށާއި ސިނާއީ އަވަށް ތަރައްޤީކުރުމާއެކު މާލޭގައި ހުރި މިފަދަ ތަންތަން ސިނާއީ އަވަށަށް ބަދަލުކުރެވިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ހަލީމު ވިދާޅުވީ މި މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވަނީ އުޅަނދުތައް ޕާކްކުރުމަށް 18 ބުރީގެ އިމާރާތަކާއި ގުދަންތަކާއި ވޯކްޝޮޕްތަކާއި ގަރާޖުތަކަށް 10 ބުރީގެ ފަސް އިމާރާތެއް އެޅުމަށްކަމަށެވެ. އަދި ޕާކިން އިމާރާތުގައި 300 ލޮރީއާއި، 200 ކާރާއި، 500 ސައިކަލު ޕާކްކުރެވޭނެ ޖާގައެއް ހުންނާނެކަމަށް ސީއީއޯ ހަލީމު ވިދާޅުވިއެވެ.
ސިނާއީ އަވަށުގެ ގޮތުގައި ތަރައްޤީކުރުމަށް ހައުސިން މިނިސްޓްރީން ވަނީ 6.9 ހެކްޓަރުގެ ބިން ހިއްކައި ކަރަންޓާއެކު ފެނާއި ނަރުދަމާގެ ނިޒާމް ވެސް ވަނީ އެ ސަރަހައްދުގައި ޤާއިމްކޮށް ނިންމައިފައެވެ. އަދި އެ ސަރަހައްދުގައި 18 ބުރީގެ މަލްޓި ސްޓޯރީ ވެހާހައުސެއް އަޅަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ވަނީ ހަވާލުކޮށްފައެވެ.
Agreement signed today with @Portmv to develop and manage industrial, warehousing and parking buildings at Male' Industrial Village, one of the key visionary projects of HEP Yameen. pic.twitter.com/XGfhNsj8GY
— Dr.Mohamed Muizzu (@MMuizzu) March 8, 2018