ކިތަންމެ ގިނަ ބައަކު ލޯބިކުރި ނަމަވެސް އެއްވެސް ޘަޤާފަތަކީ އަޅުކަމަކަށް ނުހެދޭނެ ކަމަށާއި އަޅުކަމަކަށްވާނީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ސާބިތުވާ އަޅުކަން އެކަނި ކަމަށް އައްޝައިޚް މުޙައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ނިމާލް ވިދާޅުވީ މާތް ﷲ ގެ ޙަޟްރަތުގައި އަޅުކަމުގެ ގޮތގައި ޤަބޫލުކުރެވޭނެ ކަންކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވަވައިފައި ކަމަށެވެ. "އެއީ އެކަން އޮތް ގޮތް. އަޅުކަމުގެ ވަނީ މަގު ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވާފައި. އެމަގުން ކައްސާލައިފިނަމަ އެކުރެވެނީ އަޅުކަމަކަށް ނުވާނެ."
ޝައިޚް ނިމާލް ވިދާޅުވީ ބައެއް މީހުން އެމީހުންނަށް ޤަބޫލުކުރެވޭ ރަނގަޅުކަންކަން އެއީ އަޅުކަމަށް ހަދަން ވެސް މަސައްކަތްކުރާ ކަމަށެވެ. އަދި އެއީ ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެއް ކަމަށެވެ. "އަޅުކަމެއް އުފެއްދީމާ އެއަށް ތަބަޢަވެ އެކަން ކުރާ މީހުން ކުރާ ކަންކަމުގެ ފާފަ ވެސް އެކަން އުފެއްދިމީހާއަށް އުފުލަންޖެހޭނެ. އެހެންވީމާ މިއީ ވަރަށް ނުރައްކައުތެރި އަދި ބިރުހުރި ކަމެއް."
ޝައިޚް ނިމާލް ވިދާޅުވީ ރަނގަޅު ކަންކަމުގެ ގޮތުގައި އެކިމީހުންނަށް ޤަބޫލުކުރެވޭ ކަންކަން ތަފާތުވާނެ ކަމަށެވެ. އަދި މީހުންނަށް އެއީ ރަނގަޅު ކަމެއް ކަމަށް ޤަބުލުކުރެވޭ ކަންކަމަކީ އަޅުކަން ކަމުގައި ވާނެނަމަ ދީނެއް އޮތުމުގެ އެއްވެސް ބޭނުމެއްވެސް ނެތް ކަމަށެވެ. "ދީނުގައި އެއީ އަޅުކަން ކަމަށް ބަޔާންވެގެންވާ ކަންކަން ކުރީމާ އެކަނި އަޅުކަމަކަށްވާނީ."
ޝައިޚް ނިމާލް ވިދާޅުވީ އެއްވެސް ކަމަކީ އަޅުކަމެއްގެ ގޮތުގައި އިސްލާމް ދީނުގައި ބަޔާންވެގެންވާނަމަ އެމީހެއްގެ ހިތް ރުހުނު ނަމަވެސް އަދި ނުރުހުނު ނަމަވެސް ޖެހޭނީ އެއީ އަޅުކަމެއްގެ ގޮތުގައި ބަލައިގަންނަން ކަމަށެވެ. ސަބަބަކީ އަޅުކަންތައްތައް ކަނޑައެޅުއްވުމުގެ އެންމެހައި އިޚްތިޔާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި މާތްﷲ ކަމަށްވާކަމެވެ.
ޝައިޚް ނިމާލް ވިދާޅުވީ ތިމާއަށް އެއީ އަޅުކަމެއްގެ ގޮތުގައި ޤަބޫލުކުރެވި ކަމެއް ކުރެވެމުންދަނިކޮށް އެއީ އަޅުކަމެއް ނޫންކަން އެނގިއްޖެނަމަ އެނގޭ ވަގުތުން ފެށިގެން ޖެހޭނީ އެކަމެއް ކުރުން ހުއްޓާލަން ކަމަށެވެ. "މާތްﷲ ނޫން ފަރާތަކަށް ނަދުރު ބުނެގެން ކަންކަން ކުރުމާއި ބައެއް ބޭކަލުންގެ ނަމުގައި ފާތިހާ ދުވަސް ފާހަގަކުރުމާއި މަރުވުމުން މީހުން އެއްކޮށްގެން ޚަތިމުކުރުމާއި މިކަންކަމަކީ އަޅުކަމެއް ނޫން. އެކަންކަންކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނުއޮންނާނެ." ކަމަށްވެސް ޝައިޚް ނިމާލް ވިދާޅުވިއެވެ.