ކޮންމެ މީހަކުވެސް މަދުވެގެން އެންމެ ސުންނަތެއްގައި ނަމަވެސް ސާބިތުކަމާއިއެކު ދެމިހުރުމަށް އައްޝައިޚް މުޙައްމަދު ނިމާލް އިލްތިމާސް ކުރައްވައިފިއެވެ.
އިއްޔެގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ނިމާލް ވިދާޅުވީ އެމީހަކަށް ކެރިކުޅަދާނަވާ ވަރަކަށް ސުންނަތް އަޅުކަން ކުރަން ޖެހޭނެ ކަމަށެވެ. ފަރުޟު ކަންކަން ނުކުރެވުމުން ލިބޭ އުނިކަން ސުންނަތް އަޅުކަން ގިނަކުރުމުން ފޫބެދެމުންދާނެ ކަމަށެވެ.
ޝައިޚް ނިމާލް ވިދާޅުވީ މުހިންމީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް ޤަވާއިދުން ކުރުން މަތީގައި ދެމިހުރުން ކަމަށެވެ. އެގޮތުން އެންމެ ފަސޭހައިން ކުރެވިދާނެ އެއް ކަމެއްގެ ގޮތުގައި ނިދުމުގެކުރިން ވިތްރް ކުރުން ފާހަގަކުރެއްވެވިއެވެ.
ޝައިޚް ނިމާލް ވިދާޅުވީ ކީރިތި ޤްރްއާން އެމީހަކަށްވީވަރަކުން ޤަވާއިދުން ކިޔެވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި އެންމެ މުހިންމީ އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުމުގައި ދެމިހުރުން ކަމަށެވެ.
ޝައިޚް ނިމާލް ވިދާޅުވީ ބައެއް ޞަހާބީން ކުރެއްވެވި ހެޔޮ ކަންތައްތައް މީސްތަކުންނަށް އެނގުނީ އެބޭކަލުން އަވަހާރަވީ ފަހުން ކަމަށެވެ. އިޚްލާޞްތެރިކަން ބޮޑުކަމުން އެކަންކަން ކުރައްވާފައިވަނީ އެއްވެސް ދެވަނަ މީހަކަށް ނުއެނގޭނެ ގޮތަށް ސިއްރުން ކަމަށެވެ.
ޝައިޚް ނިމާލް ވިދާޅުވީ ސުންނަތް އަޅުކަން ކުރަން ބޭނުންވާ މީހުންނަށް ވެސް އެންމެ މުހިންމީ ފަރުޟު 5 ނަމާދު، ނަމާދުގެ ވަގުތުތަކުގައި ކުރަމުން ގެންދިއުން ކަމަށެވެ. "ޤަވާއިދުން ނަމާދުކުރުމަކީ އެހެން އަޅުކަންތައްތައް ކުރަން މަގުފަހިކޮށްދޭނެ އަދި ހިތްވަރު ލިބޭނެ ކަމެއް." ކަމަށްވެސް ޝައިޚް ނިމާލް ވިދާޅުވިއެވެ.